
DSC_0185
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ގދ. ތިނަދޫއަށް ވަޑައިގެންފި އެވެ.

މިނިސްޓަރ ޒަހާ ތިނަދޫއަށް ވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެއްގައިއެވެ. ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ކާޑެއްދޫ އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީއާއި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. އަދި ތިނަދޫއަށް އެކަމަނާ ވަޑައިގަތުމުން އެކަމާނާއަށް މަރުހަބާ ދެންނެވީ ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު އާއި ކައުންސިލްގެ މެމްބަރުންނެވެ.
މިނިސްޓަރ ޒަހާ ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި ތިނަދޫގެ ކައުންސިލާ ބައްދަލުކުއްވުމުގެ އިތުރުން ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓެ އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މިރޭ ތިނަދޫގެ މަސްވެރިންނާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައިއެވެ.
ހުވަދުއަތޮޅަށް މިނިސްޓަރ ޒަހާ ކުރައްވާ ދަތުރުފުޅުގައި ކޫއްޑޫއަށް ވަޑައިގަތުމަސްވެސް ވަނީ ހަމަޖެހިފައިއެވެ. އަދި މީގެ އިތުރުން ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މަލްޓި ސްޕީޝީޒް ހެޗަރީއެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ގއ މާނަގަލާ އަށްވެސް އެކަމަނާ ޒިޔާރަތް ކުރައްވާނެ އެވެ.