
l_259544
ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ސިފައިންގެ ވަޒީފާއަށް މިހާތަނަށް 759 ފޯމް ހުށަހަޅާފައިވާކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޖަރ އާޒިމް ވިދާޅުވިގޮތުގައި މިހާތަނަށް ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން 759 ފޯމު ލިބިފައިވާ އިރު މި ފޯމުތަކުގެ ތެރޭގައި 112 އަންހެނުންނާއި 647 ފިރިހެނުން ހިމެނެއެވެ. އަދި 2020 ޑިސެންބަރ 31 ނިޔަލަށް ފޯމު ހުށައެޅި ފަރާތްތަކަށް އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ސިފައިންގެ ނޮދަން އެރިއާ، ސަދަން އެރިއާ، ސެންޓްރަލް އޭރިއާގައި މިހާރުވެސް ކުރިޔަށްދާކަމަށް މޭޖަރ އާޒިމް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއި އެކު ޖަނަވަރީ މަހުގައި ވަޒީފާ އަށް އެދި ފޯމް ހުށައަޅާ ފަރަތްތަކުގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް ތާވަލްކޮށް، ފޯމް ހުށައެޅި ފަރާތްތަކާ ގުޅުމުގެ މަސައްކަތަށް ދަނީ ތައްޔާރު ވަމުންކަން ވެސް އާޒިމް ވަނީ ފާހަގަކުރައްވާފައިއެވެ.
ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިންޓަވިއުތައް ނޮދަން އެރިއާ، ސަދަން އެރިއާ، ސެންޓްރަލް އޭރިއާގައި ދަނީ ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ސެންޓްރަލް އޭރިއާގެ އިންޓަވިއުތަށް މާލޭގެ އިތުރުން ލ.ކައްދޫ އާއި ލ.ފޮނަދޫ އާއި ލ.ގަން އާއި ފ.ނިލަންދޫ އާއި މ.މުލީގައި ކުރިޔަށް ދާނެއެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިއާގެ އިންޓަވިއުތަށް ޅ.ނައިފަރު، ހދ.ކުޅުދުއްފުށީގައި ކުރިޔަށް ގެންދާއިރު އެމްއެންޑީއެފް ސަދަން އޭރިއާ އައްޑޫސިޓީ ހިތަދޫ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ގައި އިންޓަވިއުތައް ވަނީ ބާއްވާފައެވެ.
ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގައިއެވެ. އަދި ޑިސެމްބަރު 31 ގައި އިއުލާންގެ މުއްދަތު ހަމަވުމާއި އެކު ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީއިން ވަނީ މިމަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ.