
0-02-06-bcd3006481bf79ad9f2befee3ce799bf9a4ea526f9dc10b46030dc2f4c34ecec_1c6da0ea65de26
ގދ ތިނަދޫގައި ހޭންޑްބޯލް ކުޅުމަށް ޚާއްސަ ދެ ދަނޑު ތަރައްޤީކޮށްފިއެވެ.

ތިނަދޫ ސްޓޭޑިއަމް ސަރަހައްދުގައި ތަރައްޤީ ކުރި މި ދެދަނޑަކީ ތިނަދޫ ސްޓޭޑިއަމްއާއި ހަވަރު ސްޕޯޓްސް ގުޅިގެން ތަރައްގީކުރި ދެދަނޑެވެ. މި ދަނޑުތަށް ތަރައްޤީކޮށްފައިވަނީ ރޭގަނޑުވެސް ދަނޑުގެ ބޭނުން ހިފޭގޮތަށް ލައިޓް ހަރުކުރެވިގެންނެވެ.
ހަވަރު ސްޕޯޓްސްގެ އޮފިޝަލަކު ގާފުއަށް މައުލޫމާތު ދިންގޮތުގައި މި ދެދަނޑަކީ އަންނަ މަހު ހަވަރު ސްޕޯޓްސްއާއި ތިނަދޫ ސްޓޭޑިއަމް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތާއި ދިމާކޮށް މި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ޕްރެކްޓިސް ކުރުމުގެ މަޤްސަދުގައި ތަރައްގީ ކުރެވުމު ދެ ދަނޑުކަމަށެވެ. އަދި މުސްތަޤްބަލުގައިވެސް މި ދެދަނޑުގެ ބޭނުން ތިނަދޫގެ ހޭންޑްބޯޅަ ކޮމިއުނިޓީއަށް ލިިބިގެންދާނެ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއި އެކު އޮފިޝަލް ވަނީ މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ޔޫތް މިނިސްޓަރަށާއި ، ތިނަދޫ ޕަބްލިކް ވާރކްސް އަދި ފެނަކަ ކޯޕަރޭޝަނުން ވެދެއްވި އެހީއަށް ތިނަދޫ ސްޓޭޑިއަމް އާއި ހަވަރު ސްޕޯޓްސްގެ ނަމުގައި ވަނީ ޝުކުރުއަދާކުރައްވާފައިއެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.