10
ބަރުދަން ލުއިކުރަން އެންމެ ރަނގަޅު ކަސްރަތަކީ ކޮބާތޯ ކޮންމެ މީހަކު ކައިރިން އެހިނަމަވެސް، ފުރަތަމަ ސިކުނޑިއަށް އަންނާނެ 5 ކަސްރަތުގެ ތެރޭގައި ދުވުން ހިމެނިގެން ދާނެއެވެ. ދުވުމަކީ ސަރުބި އަންދާލައި ބަރުދަން ލުއިކޮށްލުމަށް ރަނގަޅު ކަސްރަތެކެވެ. 70 ކިލޯގެ ބަރުދަން ހަށިގަނޑުގައި ހުންނަ މީހަކު ގަޑިޔަކު 5 މީޓަރުގެ ބާރުމިނުގައި 30 މިނެޓް ދުވެގެން ގާތްގަނޑަކަށް 298 ކެލޮރީ ދުއްވާލެވިދާނެއެވެ. ނަމަވެސް ބަރުދަން ލުއިކުރަން ބޭނުންވާ ބައެއް މީހުންނަށް ދުވުން އެހާ ފަސޭހައެއް ނޫނެވެ. ފަހަރެއްގައި، ދުވުމުގެ ސަބަބުން ހުޅުހުޅާއި ކަކުލުގެ ރިއްސުމުގެ އިތުރުން، ފޫހި ކަމަކަށް ދުވުން ވެފައި ވެއެވެ. މިގޮތުން މިލިޔުމުގައި ދުވުމަށްވުރެ، ގިނައިން ހަށިގަނޑުން ސަރުބި އަންދާލާ ފަސޭހަ ބައެއް ކަސްރަތުތައް ހިމަނާލަމެވެ.
ޖަމްޕިންގ ރޯޕް – 372 ކެލޮރީ އަންދާލާ
ޖަމްޕިންގ ރޯޕަކީ ފޫހި ފިލުވުމަށް ހަމައެކަނި ކުޑަކުދިން ކުޅޭ ކުޅިވަރެއް ނޫނެވެ. އެތުލީޓުންގެ މެދުގައި މިއީ ވަރަށް މަޝްހޫރު ކަސްރަތެކެވެ. ޖަމްޕިންގ ރޯޕަކީ ބުންވަރު އިތުރުކުރުމަށް ގިނަބަޔަކު ކުރާ ކަސްރަތެކެވެ. ވަކި ވަގުތެއްގައި ވަކި އަދަދަކަށް ޖަމްޕިންގ ރޯމް ހެދުމަށް މި ކަސްރަތުން ބާރު ލިބުގެ އިތުރުން އަތާއި ފައިގެ ކޯޑިނޭޝަން ކޯޑިނޭޝަން ރަނގަޅުކޮށްދެއެވެ. އަދި މި ކަސްރަތަކީ އަމިއްލަ ތަފާތު އުކުޅުތަށް ބޭނުންކޮށްގެން ކުރެވިދާނެ ކަސްރަތެކެވެ.
ފެތުން - 409 ކެލޮރީ އަންދާލާ
ހަށިގަނޑުގައި ޖަހާފައި ހުންނަ ބޭކާރު ސަރުބިތަށް އަންދާލައި، ބަރުދަން ލުއިކޮށް، ގިނަ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ އެއް ކަސްރަތަކީ ފެތުމެވެ. ބައިގަޑި އިރުތެރޭ ހުއްޓާނުލައި ފަތައިގެން 409 ކެލޮރީ އަންދާލެވޭނެއެވެ. ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން އަދި ހަކުރު ބަލިފަދަ ބަލިތަކަށް އެންމެ އެކަށީގެންވާ ކަސްރަތަކީ ފެތުމެވެ. ފެތުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަށް ވަރުގަވެއެވެ. ފެތުމެގެ ސަބަބުން ކަކުލަށް ނުވަތަ އުނަގަނޑަށް އެއްވެސް ބާރެއް އެޅުމަކާ ނުލައި، ކަކޫ އަދި އުނަގަނޑަށް ލިބިދާނެ ގެއްލުމުން ސަލާމަތްވެއެވެ.
އުސް ފަރުބަދަ ފަދަ ތަންތަނަށް އެރުން – 409 ކެލޮރީ އަންދާލާ
އުސް ތަންތަނަށް ދެ އަތުގެ ބާރުގައި އެރުމަކީ ތަފާތު ފޫހިނުވާނެ ތަޖުރިބާއަކަށް ވުމުގެ އިތުރުން ގިނަ ކެލޮރީ އަންދާލާ ކަސްރަތެކެވެ. ފަރުބަދަ ފަދަ ތަންތަނަށް އެރުމުގައި ދެއަތުގެ ބާރުން މުޅި ހަށިގަނޑު ނަގައެވެ. މިފަދަ ކަސްރަތެއް ކުރާއިރު، ފަރުވާތެރިވެ އެކަމަށް ވިސްނައިގެން ގޯހެއް ހެދިއްޖެނަމަ، އަނިޔާއެއް ވެދާނެކަމަށް ވިސްނައިގެން ކަސްރަތު ކުރުމުގެ ސަބަބުން މީހާގެ ފޯކަސް ފުރިހަމަޔަށް ކަސްރަތަށް ދެވި، ޤާބިލްކަން އިތުރުވެގެން ދެއެވެ.
ބައިސްކަލް ދުއްވުން - 614 ކެލޮރީ އަންދާލާ
ރަނގަޅު ޓްރެއިނިންގ އަކާއެކު ބައިސްކަލް ދުއްވުމުން، ދުވުމާއި އެއްބީދައިން 30 މިނެޓް ތެރޭގައި ހުއްޓުމެއްނެތި ބައިސްކަލް ދުއްވައިގެން 614 ކޮލޮރީ އަންދާލެވިދާނެއެވެ. އަދި ހަމަ މިގޮތަށް ބައިސްކަލް ދުއްވަމުންދާއިރު، ދުއްވޭ އެންމެ ބާރަކަށް ބައެއްފަހަރު ދުއްވާލުމުންވެސް އަންދާލެވޭ ކެލޮރީސް އިތުރުވެގެން ދާނެއެވެ. ދުވާލުގެ ވަގުތުކޮޅަކަށް ބައިސްކަލުގައި އުޅުމުން ލިބޭނެ ފައިދާތަށް ގިނަގުނައެވެ. މިއީ ކޮންމެ މީހަކަށްވެސް މާބޮޑު އުދަނގުލަކާއި ނުލައި ކުރެވިދާނެ ކަސްރަތަކަށް ވެފައި ހަށިގަނޑުގެ މަސްތަށް ވަރުގަދަ ވުމާއިއެކު، ދަތުރު ކުރުމަށް ތިމާވެއްޓާއި ރަށްޓެހި ގޮތެއްވެސް މެއެވެ.
އެރޯބިކްސް - 372 ކެލޮރީ އަންދާލާ
އެރޯބިކްސް އަކީ ބަރުދަން ލުއި ކޮށް ސަރުބި އަންދާލުމަށް ޖިމްތަކުގައި އެންމެ ގިނައިން ކުރެވޭ ކަސްރަތެވެ. އެރޮބިކްސް އިން ބައިގަޑި އިރު ތެރޭ 372 ކެލޮރީ އަންދާލެވެއެވެ. ކޮންމެވެސް ވަރެއްގެ މިޔުޒިކަކާއިއެކު ބައެއް ފަރާތްތަށް އެރޯބިކްސް ފަދަ ކަސްރަތު ޖައްސާއިރު، ކަސްރަތު ކުރެވޭ މިންވަރު އަމިއްލަޔަށް ނުވެސް އެނގެއެވެ. މިފަދަ ކަސްރަތުން، ކަސްރަތަށް ޝައުޤުވެރިވެ، މޫޑު ރަނގަޅުވެއެވެ. މި ކަސްރަތަކީ ސަރުބި އަންދާލުމަށް އެހީތެރިވެދޭ ކަސްރަތަކަށް ވުމުގެ އިތުރުން، ބުންވަރު ރަނގަޅު ކޮށްދެއެވެ. މިކަސްރަތުގެ ސަބަބުން ހުޅުތަކަށް މާބޮޑަށް ބާރު ނުކުރާތީ، ހުޅުތަކުގެ މައްސަލަ ހުންނަ މީހުންނަށްވެސް ފަސޭހައިން މިކަސްރަތު ކޮށްލެވެއެވެ.
އެލިޕްޓިކަލް ވޯކްއަޓް ނުވަތަ ދުވާ މެޝިނުން - 335 ކެލޮރީ އަންދާލާ
ދުވާ މެޝިންފަދަ މެޝިނެއް ބޭނުންކޮށްގެން ކަސްރަތު ކުރުމުން، މުޅި ހަށިގަނޑަށް ކަސްރަތު ކުރެވެއެވެ. ހަށިގަނޑުގެ މަސްތަކަށް އޭގެ އަސްލު ޝޭޕް ގެންނަން ބޭނުންވާ ފަރާތްތަކަށް މިއީ އެންމެ ރަނގަޅު ކަސްރަތެވެ. މިއީ އެހާ ބުރަ ކަސްރަތަކަށް ނުވާތީ، މާބަނޑުވެ ވިހެއުމަސްފަހު، އަލުން ހަށިގަނޑު ކުރީގެ ބައްޓަމަށް ގެންނަން ބޭނުންވާ އަންހެން ބޭފުޅުންނަށް މިއީ ވަރަށް ރަނގަޅު ކަސްރަތެކެވެ.
ބާޕީސް - 316 ކެލޮރީ އަންދާލާ
އެއްވެސް އިތުރު އެއްޗެއް ބޭނުން ނުކޮށް ހަމައެކަނި އަމިއްލަ ހަށިގަނޑު ބޭނުންކޮށްގެން ކުރާ މިކަސްރަތަކީ ވަރަށް ޖިމްނާސްޓިކް ކަސްރަތެކެވެ. ބާޕިސް ފަދަ ކަސްރަތުގެ ސަބަބުން މުޅި ހަށިގަނޑުގެ މަސްތަކަށް އަސަރުކުރުވައެވެ. މިކަސްރަތަށް ފުރިހަމަހަށް ކުރެވިއްޖެނަމަ މިނެޓަކަށް 10 ކެލޮރީ ހަށިގަނޑުން އުނިވެގެން ދާނެ އެވެ.
ހޭންޑްބޯލް ކުޅެގެން - 446 ކެލޮރީ އަންދާލެވޭ
ހޭންޑްބޯލް އަކީ ވަރުގަދަ ވާދަވެރި ކުޅިވަރެއްގެ އިތުރުން، ވަރުގަދަ ކަސްރަތެއްވެސް މެއެވެ. ހޭންޑްބޯލް އަކީ މެޗެއް ކުޅޭއިރު، ކުޅުންތެރިން ކުޅިވަރު ކޯޓުގެ ތަފާތު ހިސާބުތަކަށް ދުވަންޖެހޭ އަދި ބޯޅަ ހިފައިގެން ހަރަކާތް ކުރަން ޖެހުމުން ހަށިގަނޑުގެ ހުރިހާ މަސްތަކަށް ކަސްރަތު ގެނުވާ ކަސްރަތެކެވެ.
ބޯނަސް ކަސްރަތެއްގެ ގޮތުގައި، ކުޑަކުދިންނާއެކު 1 ގަޑި އިރު ކުޅެގެން - 372 ކެލޮރީ އަންދާލެވޭ.
ބަރުދަން ލުއިކޮށް ސަރުބި އަންދަން ކޮންމެހެން މާ ބޮޑެތި ކަސްރަތުތަށް ނުކުރެވުނު ކަމުގައިވިޔަސް، ގަޑިއެއްހާއިރު، ކުދިވެރިންނާއެކު ކުޅެލައިގެންވެސް ގިނަ އަދަދެއްގެ ކެލޮރީ އަންދާލެވިދާނެއެވެ. ގިނަ ކުދިން ލިބިފައިވާ މައިން އަދި ޖިމަކަށް ދިޔުމަށް ނުވަތަ ވަކި ކަސްރަތެއް ކުރުމަށް ވަގުތު ނުވާ އަންހެން ބޭފުޅުންނަށް، މިއީ އެންމެ ރަނގަޅު ޗޮއިސްއެވެ.
ނޯޓް: އަންދާލެވޭނެކަމަށް ދެވިފައިވާ ކެލޮރީގެ އަދަދުތަކަކީ، 70 ކިލޯގެ މީހަކު 30 މިނިޓް ބުނެވުނު ކަސްރަތު ކުރުމުން އަންދާލެވޭ ކެލޮރިއެވެ.