logoEN
WAMCO TOP 1
ފައިދާކުރަނިވި އިލްމުން މެނުވީ ކުރިމަގު އުޖާލާއެއް ނުވާނެ: ޚުތުބާ

ފައިދާކުރަނިވި އިލްމުން މެނުވީ ކުރިމަގު އުޖާލާއެއް ނުވާނެ: ޚުތުބާ

ޚުޠުބާ - މިސްކިތް

ވިސްނައި ފިކުރުކުރުމުގެ އިންޖީނަކީ އިލްމު ކަމަށާއި، ފައިދާކުރަނިވި އިލްމުން މެނުވީ ކުރިމަގު އުޖާލާއެއް ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

THE TRAVELLER AD

މިއަދުގެ ޚުތުބާ ޙާއްސަކޮށްފައިވަނީ، ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވިސްނާ ފިކުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

މާތް ﷲ އިންސާނުންނާއަށް އިވުމާއި، ފެނުމާއި، ހިތް ދެއްވާފައިވަނީ އެތަކެތީގެ ބޭނުން ހެޔޮގޮތުގައި ބޭނުން ހިފުމަށް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

"ﷲ ތަޢާލާ މީސްތަކުންނަށް ވިސްނުމާއި، ދެނެގަތުމުގެ ބާރު ދެއްވައިފައެވެ. އެމީހުންނަށް މި ވަނީ އިވޭ ކަންފަތްތަކަކާއި، ފެންނަ ލޯތަކެއް ދެއްވައި، ކަންކަމާމެދު ވިސްނައި ފިކުރު ކުރުމަށް، ގޮވައިލައްވައިފައެވެ. މާތް ﷲ ބާވައިލެއްވި، ކީރިތި ޤުރްއާނާމެދު ވިސްނައި، ތަދައްބުރު ކުރުމަށް ގޮވައިލެއްވިއެވެ. ކީރިތި ޤުރްއާނުގެ ބަސްފުޅުތަކާމެދު ވިސްނައި، އެއާ އެއްގޮތަށް ސުލޫކާއި، އަޚްލާޤު ބައްޓަން ކުރުމަށް ޓަކައެވެ." ޚުތުބާ

ވިސްނައި ފިކުރުކުރުމަށް ﷲ، އެންގެވި ކަންކަމުގެ ތެރޭގައި، އިންސާނާ ޚަލްޤު ކުރެއްވުމާއި، އިންސާނާއާއެކު މި ކައުނުގައި ލައްވައިފައިވާ ކާއިނާތުތައް ވާ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

އުޑާއި، ބިމާއި، ފަރުބަދަތަކަށް ބަލައި ވިސްނުމަށް އަންގަވައި، ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ. އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟"

މާތް ﷲ ޚަލްޤު ކުރައްވާފައިވާ ތަކެއްޗާ މެދު ވިސްނުމަކީ، ﷲ ގެ މަތިވެރިކަން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިދޭނޭ ކަމެއްކަމަށާއި، އަދި އެކަމަކީ މާތް ﷲ އާ އަޅުގަނޑުމެންނާ ދެމެދުގައިވާ ގުޅުން ބަދަހިކޮށް ހަރުދަނާކޮށްދޭނޭ ކަމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި ބުނީ، އެއްވެސް ޤައުމަކަށް ޢިލްމާ ނުލައި، ކުރިއަރައި، ތަރައްޤީއެއް ނުވެވޭނެ ކަމަށެވެ. އަދި ވިސްނައި ފިކުރު ކުރުމުގެ އިންޖީނަކީ ޢިލްމު ކަމަށާއި ފައިދާކުރަނިވި ޢިލްމުން މެނުވީ، ކުރިމަގު އުޖާލާއެއް ނުވާނެކަމަށް ޚުތުބާގައި ބުނެފައެިވެއެވެ. އަދި އިލްމާ ނުލައި މުސްތަޤްބަލު އަމާނެއް ނުވާނެކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ. އިސްލާމްދީން ގޮވައިލަނީ، ޢިލްމު އުނގެނުމަށް ކަމަށެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެ ތެރެއިން ޢިލްމުވެރިންނެވެ."

އިސްލާމީ އުންމަތުގެ ޢިލްމުވެރިންނަށް ބަލާއިރު، އޭގެ ތެރެއިން ވަރަށް ގިނަ ބޭކަލުންނަކީ ޢިލްމަށްޓަކައި، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ވެސް ދޫކުރެއްވި ބޭކަލުން ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ނަފްސުގެ ބޭނުންތައް އެއްފަރާތްކޮށް ޢިލްމަށްޓަކައި ވަގުތު ހުސްކުރެއްވި ބޭކަލުން ޢިލްމާމެދު ބިރުވެތިވެ ޢިލްމަށް އަމާނަތްތެރިވެ ވަޑައިގަތް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

އިބްނުލް ޖައުޒީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. "އަހުރެންގެ ތަޢުލީމީ ޙަޔާތުގައި އަހުރެންނާ ނުހަނު ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވިއެވެ. ޢިލްމަށްޓަކައި އަހުރެން އެކަންކަން ތަޙައްމުލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަންކަން އަހުރެންނަށް ވީ މާމުޔަށް ވުރެ ފޮނި އެއްޗަކަށެވެ."

އިބްނުލް ހައިޝަމް (ރަޙިމަހުﷲ) އަކީ ހިސާބާއި ފިޒިކްސްގެ ދާއިރާގެ ނުހަނު ފުންނާބު އުސް ޢިލްމުވެރިއެކެވެ. އިންސާނާގެ ލޮލަށް ފެންނަ ގޮތް ހާމަކުރެއްވި ޢިލްމުވެރިއަކީ އެކަލޭގެފާނެއެވެ. މިޒަމާނުގެ ޢިލްމީ އެތަކެއް ނަޒަރިއްޔާއެއް އެކަލޭގެފާނުގެ ހޯދުންތަކުގެ މައްޗަށް އެކުލަވާލެވުނެވެ. އެކަލޭގެފާނަކީ ދަތި ދިރިއުޅުމެއް އުޅުއްވި ބޭކަލެކެވެ. ޝާމްކަރައިގެ އަމީރުންގެ ތެރެއިން ބޭކަލަކު އެކަލޭގެފާނަށް ނުހަނު ގާތްކޮށް ހިއްތަވައި ގިނަ މުދާދެއްވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "ބާނދީއަކާއި ނޯކަރަކާއި، އަހުރެންނަށް ފުދެއެވެ. ދުވާލެއްގެ ކޮއްތަށްވުރެ ގިނައިން އަހުރެން ހިފައިފިނަމަ، އަހުރެން ވާހުށީ ކަލޭގެފާނުގެ މުދާތައް ބަލަހައްޓާ މީހާއަށެވެ. އަދި އެ ފައިސާ އަހުރެން ޚަރަދުކޮށްފިނަމަ، އަހުރެން ވާހުށީ ކަލޭގެފާނުގެ ވަކީލަށެވެ." މިބަސްފުޅުން އެނގިގެންދަނީ، ތެދުވެރިކަމާއެކު ޢިލްމު ފޯރުކޮށްދިނުމަށް ހުރަހަކަށް ވެދާނެ ކަންކަމުން އެކަހެރިވެ ހުންނެވުމަށް އެކަލޭގެފާނު ސަމާލުކަން ދެއްވި މިންވަރުކަމަށް ޚުތުބާގައު ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ، އިސްލާމް ދީން ގޮވައިލަނީ، ހަމައެކަނި ޢިލްމު އުނގެނި ޢިލްމުވެރީންގެ ދަރަޖަ މަތިވެރި ކުރާކަށް ނޫން ކަމަށެވެ. އޭގެ އިތުރަށް، ތަފާތު ފަންނުތަކުގައި މުސްލިމުން ކުރިއަރައިގެން ދިޔުމަށް ވެސް ކީރިތި ޤުރްއާން ގޮވައިލައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފައިދާ ކުރަނިވި ޢިލްމު ޙާޞިލުކޮށް، މި ޢިލްމުތަކުގައި ކުރިއަރައިގެން މެނުވީ، މާތް ﷲ އަޅުގަނޑުމެންނަށް ޓަކައި ކިޔަމަންކޮށްދެއްވި ކަންކަމުން ފައިދާއެއް ޙާޞިލެއް ނުކުރެވޭނެކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

"މާތް ﷲ އަމުރު ކުރައްވާފައިވާ ގޮތަށް، ވިސްނައިފިކުރު ކުރުމަކީ، މަތިވެރި އަޅުކަމެކެވެ. މިކަމަށް ޓަކައި، ކޮންމެ މީހަކުވެސް މާތް ﷲގެ ޙަޟްރަތުން ވާގި ހޯދާށެވެ! އެއަށްފަހު އެކަމަށް ޓަކައި، ގަދައަޅައި މަސައްކަތް ކުރާށެވެ! އުފެއްދުންތެރިކަމުގެ މަގަކީ، ފުންކޮށް ވިސްނައި ފިކުރު ކުރުމެވެ. އައު އީޖާދުތަކުގެ ދޮރަކީ، މި ކައުނުގައި، މާތް ﷲ އަޅުގަނޑުމެންނަށް ޓަކައި ލައްވާފައިވާ ނިޢުމަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފޭނެ ގޮތްތަކާމެދު ވިސްނުމެވެ. އައު ހޯދުންތައް ހޯދޭނީ ވިސްނުމުގެ މައިދާނުގެ ތެރެއިންނެވެ." ޚުތުބާ

މިއަދު ދުނިޔެ ދެކެމުންދާ އައު އީޖާދުތަކާއި، ފަންނިއްޔާތުގެ މައިދާނުގައި ޙާޞިލު ކުރަމުންދާ ކާމިޔާބުތަކަކީ، މި ކައުނާއި ކައުނުގައިވާ ކާއިނާތުތަކާމެދު އިންސާނުން ވިސްނައި، ފިކުރު ކުރުމުގެ ފޮނި މޭވާތަކެކެވެ. ކުރިއަރާފައިވާ މުވާޞަލާތުގެ ވަސީލަތްތަކުގެ ސަބަބުން، މިއަދު މިވަނީ ގުޅުންތައް ވާޞިލުކުރުމަށް މަގު ތަނަވަސް ވެފައެވެ. ސައިންސްގެ މައިދާނުގައި އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން، އިންސާނާ މިވަނީ ބޭސްފަރުވާ ކުރުމުގައްޔާއި، ހަވާއަށް ދަތުރުތައް ކުރުމުގައްޔާއި، ވިރާސީ މޭސްތިރިކަމުގެ މައިދާނުގައި، އެތައްއެތައް ކާމިޔާބުތަކެއް ހޯދައިފައެވެ.

އަޅުގަނޑުމެންގެ ދަރީންގެ ތެރޭގައި، އެކިއެކި މުއައްސަސާތަކަށާއި، އޮފީސްތަކަށާއި، ކުންފުނިތަކަށް ބޭނުންވާ އެތައް އެޕްލިކޭޝަނެއް ހަދާފައިވާ ޤާބިލު ދަރީން އެބަ ތިއްބެވެ. މައިންބަފައިންނާއި، މުދައްރިސުންނާއި، ކޮލެޖްތަކުންނާއި، ޔުނިވަރސިޓީތަކުން މަސައްކަތް ކުރަންވީ، މި ކުދީންގެ ގައިގައި ހުރި، މި ޤާބިލުކަން ތަރައްޤީކޮށް، ޢިލްމީ ރިސާޗްގެ މައިދާނަށް މި ކުދީން ނެރުމަށެވެ. ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީގެ އަސާސަކީ، މިފަދަ އީޖާދުވެރި ކުދީންނެވެ. ޙަޟާރަތްތައް ތަފާތު ވަނީ، އެ ޙަޟާރަތެއްގެ ދަރީންގެ އުފެއްދުންތެރި، އީޖާދުވެރި ބުއްދިއާއި ވިސްނުމުގެ ފުރިހަމަކަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC