
ޝިރުމީނާ ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދަށް
shirumeena-876x474-1
ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާއި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން 31 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެއް ދުވަސް ފަހުން ދިރިއުޅޭ ގޭގެ ސިޑި މަތީގައި އޮއްވައެވެ. ޝިރުމީނާއާ ހަވާލާދީ އާއިލާ އިން ކުރިން ބުނި ގޮތުގައި، ބަޔަކު މީހުން، ޝިރުމީނާ ރަހީނުކޮށް އަނިޔާ ކުރީއެވެ. އަދި ގިނަ އަދަދެއްގެ ފައިސާ އަތުލުމަށް ފަހު، ޝިރުމީނާ ދޫކޮށްލީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިރުމީނާ ރަހީނު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 31 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ކޯޓުން ދޫކޮށްލީ ޝަރުތުތަކެއްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެ ކުޑަކުއްޖާ ދޫކޮށްލާފައި ވަނީ ކޯޓުން ކޮން ޝަރުތުތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.
ޝިރުމީނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ގައެވެ. އަދި ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނުނީ ނޮވެމްބަރު އެއް ވަނަ ދުވަހުއެވެ. ޝިރުމީނާ ފެނިފައި ވަނީ، އޭނާ ގެއްލިގެން ހޯދަން އާއްމުންގެ އެހީއަށް ފުލުހުން އެދުނު ފަހުންނެވެ.