
ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވެގެންދާނެ: އަދުރޭ
l_2018_03_12_105859_pzylowqfbns2a6k83xhctm1d4g57jvrie9u_EN_
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ކުށެއް ނެތް މައުސޫމް ބޭފުޅެއް ކަން ރައްޔިތުންނަށް ސާބިތުވެގެން ދާނެ ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި އެއީ ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
ސަރުކާރާއެކު "ޑީލެއް" ހަދައިގެން ޖަލުން ސަލާމަތްވާން ރައީސް ޔާމީން ބޭނުންފުޅު ނުވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ހަރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މިނިވަންވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެ ފުރުސަތު ބޭނުން ނުކުރެއްވި ކަމަށެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.
ނަމަވެސް މިއަދާ ހަމައަށް އައިއިރު، ހައި ކޯޓުން އެ މައްސަލައިގައި ގޮތެއް ނުނިންމައެވެ. އެ މައްސަލަ ކޯޓުގައި އޮއްވައި، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލައިފައެވެ.