
ގދ އަތޮޅުގެ ހާލަތު ގޯސްވަނީ، އަތޮޅުގެ އެކްޓިވް ކޭސްތަށް 400 އާއި ގާތަށް!
DSC_4669
ހުވަދު އަތޮޅު ދެކުނުބުރީގެ ހުރިހާރަށަކުންވެސް ކޮވިޑްގެ ކޭސްތަށް ފެނި ހާލަތު ގޯސްވާން ފަށައިފި އެވެ.

އަތޮޅުގެ މައި ހޮސްޕިޓަލް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އެއަތޮޅުގެ ވާދޫ ފިޔަވާ ހުރިހާރަށަކުންވެސް ކޮވިޑްގެ ކޭސްތަށް ވަނީ ފެނިފައެވެ. މިއަދު ވާދޫއިން ކޭސްތަށް ނުފެނުނު ކަމުގައިވިޔަސް އެރަށުގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުން އެބަތިއްބެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އެއަތޮޅުން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ އަތޮޅުގެ ވެރިކަން ކުރާ ތިނަދޫއިންނެވެ. އެރަށުން މިއަދު 52 މީހަކު ވަނީ ފައްސިވެފައެވެ. އަދި އެރަށުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 242 ގައެވެ.
މިއަދު ދެވަނައަށް އެންމެ ގިނަ ކޭސް ފެނިފައިވަނީ ހޯނޑެއްދޫއިންނެވެ. އެރަށުން މިއަދު 16 މީހަކު ފައްސިވެފައިވާއިރު އެކްޓިވް ކޭސް އުޅެނީ 22 ގައެވެ. އަދި އެރަށާއި ކޯސްވޭއަކުން ގުޅިފައި އޮތް މަޑަވެލިން މިއަދު 6 ކޭސް ފެނުމާއި އެކު އެރަށުގެ އެކްޓިވް ކޭސް އުޅެނީ 36 ގައެވެ. ނަޑެެއްލާއިން މިއަދު 3 މީހަކު ފައްސިވެފައިވާއިރު އެކްޓިވް ކޭސް އުޅެނީ 8 ގައެވެ.
ރަތަފަންދޫއިން ކޭސްތަކެއް ނުފެންނަތާ 4 ދުވަސް ފަހުން މިއަދު އެރަށުން ވަނީ 6 ކޭސް ފެނިފައެވެ. މައުލޫމާތު ލިބެގޮތުގައި އެ ހުރިހާ ކޭސްތަކަކީވެސް އެގްޒިޓް ސާމްޕަލްތަކެކެވެ. އެރަށުގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި އުޅެނީ މި 6 ކޭސް އެކަންޏެވެ.
ފިޔޯރީއިން މިއަދު ފައްސިވި 3 މީހުންނާއި އެކު އެކްޓިވް ކޭސް 4 ގައި އުޅޭއިރު ފަރެސްމާތޮޑާއިން މިއަދު ފައްސިވި އެއް ކޭސްއާއި އެކު އެރަށުގެ އެކްޓިވް ކޭސް އުޅެނީ 17 ގައެވެ.
އަތޮޅުގައި އެންމެ ހާލަތު ގޯސް ދެވަނަ ރަށަކީ ގައްދޫއެވެ. ގައްދޫއިން މިއަދު 5 މީހަކު ފައްސިވެފައިވާއިރު އެރަށުގެ އެކްޓިވް ކޭސްތަށް ވަނީ 51 އަށް އަރާފައެވެ.
މި ކޭސްތަކާއި އެކު މިއަދު އަތޮޅުން ފައްސިވި ޖުމުލަ އަދަދަކީ 94 އެވެ. އަދި އެކްޓިވް ކޭސްތަކުގެ ޖުމުލައަކީ 388 އެވެ.
ގދ އަތޮޅުގެ ހާލަތު ގޯސްވެފައިވާއިރު މިވަގުތު އަތޮޅުގެ 4 ރަށެއް އޮތީ މޮނީޓަރިންގ ގައެވެ. އެއީ ގދ ތިނަދޫ އާއި ގދ މަޑަވެއްޔާއި ގދ ވާދޫގެ އިތުރުން ގދ މަަޑަވެއްޔެވެ.



