ލަންކާގައި މަރުވާ މީހުން ގެނެސް ވަޅުލަން އުޅެނީ މާލީ މަންފާތަކެއް ހޯދަން: މުއާޒު
އަޙްމަދު ޖަމީލު
12/15/2020, 7:58:08 PM
79Muaz
ސްރީލަންކާއި ކޯވިޑް19 ގައި މަރުވާ މުސްލިމު ރައްޔިތުން ރާއްޖެ ގެނެސް ވަޅުލަން އުޅެނީ ސަރުކާރަށް މާލީ މަންފާތަކެއް ހޯދުމުގެ ބޭނުމުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގައި ކޯވިޑް19 ގައި މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ހަގީގީ ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވާއިރު، މިކަމާއި ގުޅިގެން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މިއީ ސަރުކާރުން ވަރަށްބޮޑު މާލީ މަންފާއެއް ހޯރުމަށް ކުރާ ކަމެއްކަމަށެވެ. ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން ކުރާ ކޮންމެކަމެއްވެސް މިއަދު ބައްޓަން ކުރަމުންދަނީ މާލީ މަންފާއެއް ލިބޭ ގޮތަށް ރައްޔިތުންނަށް އެކަމުން އެއްވެސް ފައިދާއެއް ނުވާގޮތަށް ކަމަށެވެ. އަދި ކޯވިޑަކީ ސަރުކާރަށް ލިބިފައިވާ ވަރަށްބޮޑު ވިޔަފާރިއަކަށް މިއަދު ހަދާފައިވާކަމަށެވެ.
ލަންކާގައި ކޯވިޑް19 ގައި މަރުވާ މުސްލިމުން އަންދާލާތީ އެމީހުން ރާއްޖެ ގެނެސް ވަޅުލުމާއި ގުޅޭގޮތުން ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާއިރު، މިކަމުގައި ގިނަބައެއްގެ ކަންބޮޑުވުންތަކެއް ދަނީ ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުންވެސް މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާ މީހުންވެސް މަދެއްނޫނެވެ.