logoEN
ކޮކާކޯލާ
 ކާޑެއްދޫ "އިންޓަރނެޝަނަލް" އެއަރޕޯޓް

ކާޑެއްދޫ "އިންޓަރނެޝަނަލް" އެއަރޕޯޓް

Admin

logo

12/10/2020, 11:00:53 AM

IMG_7581

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ސަޢުދުﷲ ޙިލްމީ، ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

އަބުޅޯ

ހުވަދުއަތޮޅުގައި އިންޓަރނެޝަނަލް އެއަރޕޯޓެއް ހެދުމާއި އަދި ހަދާނަމަ ހަދާނެ ރަށަކާމެދުވަނީ ބަހުސެއްފެށިފައެވެ. އެއްބަޔަކުގެ ނަޒަރުގައި އައްޑޫގައި އިންޓަރނެޝަނަލް އެއަރޕޯޓެއް އޮތުމުން ހުވަދުއަތޮޅުގައި އިންޓަރނެޝަނަލް އެއަރޕޯޓެއް އޮތުމަކީ މުހިއްމު އަދި ކުރަން ރަގަޅުކަމެއްނޫނެވެ. އަނެއްބައެއްގެ ނަޒަރުގައި އައްޑޫގެ އެއަރޕޯޓަށްވުރެ ހުރިހާގޮތަކުންވެސް ރަގަޅީ ހުވަދުއަތޮޅުގައި އިންޓަރނެޝަނަލް އެއަރޕޯޓެއް އޮތުމެވެ. ހަމައެގޮތަށް ހުވަދުއަތޮޅުގައި އިންޓަރނެޝަނަލް އެއަރޕޯޓެއް ހަދާނަމަ ހެދުންރަނގަޅީ އެއްބަޔެއްގެ ނަޒަރުގައި ކާޑެއްދޫގައެވެ. އަނެއްބަޔެއްގެ ނަޒަރުގައި ކޫއްޑޫ ހިމެނޭއިރު މާވާރުލްގައި ކަމަށްބުނާ މީހުންވެސް އެބަތިއްބެވެ. ކޮންމެބަޔަކުވެސް އެބަޔެއްގެ ރައުޔަށް ބުރަވާނެ ހުއްޖަތު ދައްކަމުން ގެންދެއެވެ. އަޅުގަނޑުގެ ނަޒަރުގައި ހުވަދުއަތޮޅުގައި އިންޓަރނެޝަނަލް އެއަރޕޯޓެއް އޮންނަންޖެހޭއިރު އެ އެއަރޕޯޓް ހަދަންޖެހޭނީ ކާޑެއްދޫގައެވެ. ސަބަބު ކިތަންމެހާވެސް ބައިވަރެވެ.

އިންޓަރނެޝަނަލް އެއަރޕޯޓަކީ ރާއްޖެއިންބޭރުން އަންނަ މީހުންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާމީހުން ބޭނުންކުރަންޖެހޭ ތަނަކަށްވާތީ އައްޑޫ ނުވަތަ ހުވަދޫގައި އޮންނަ އެއަރޕޯޓް މުސްތަޤުބަލުގައި އެންމެގިނައިން ބޭނުންކުރާނެ ބަޔަކީ އެސަރަޙައްދުގެ ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ. އެހެންކަމުން ފަތުރުވެރިންނަށް އެންމެފަސޭހަވާނީ އަދި ޚަރަދު ކުޑަވާނީ ގިނަ ރިސޯޓްތަކާއި ގިނަ ގެސްޓަހައުސް ތަކާއި ކައިރީގައި އޮންނަ ރަށެއްގައި އެއަރޕޯޓް އޮތުމުންނެވެ. އައްޑު އަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އަތޮޅަށްވެފައި އަދި ރިސޯޓުތައް މަދު އަދި ގިނަކުރެވެންވެސް ނެތް އަތޮޅަކަށް ވުމާއެކު ސަރައްޙައްދުގައި ފަތުރުވެރިން ގިނައިންތިބޭނީ ހުވަދުއަތޮޅުގައި ކަމާއިމެދު ޝައްކެއް ވަސްވާހެއްވެސް ނެތެވެ. ކަންމިހެން އޮތުމުން ހުވަދުއަތޮޅުގައި ހުންނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދަތުރުކުރާ ފަތުރުވެރިން އައްޑޫގެ އެއަރޕޯޓަށް އައުމަށްފަހު ހުވަދުއަތޮޅަށް ދިޔުމަށްޓަކައި ބޭނުންކުރަންޖެހޭނީ ފްލައިޓެއް ނުވަތަ ސީޕްލޭނެއް ނުވަތަ ދިގުލޯންޗް ދަތުރެކެވެ. މިގޮތް ގިނަބަޔަކަށް ވެގެންދާނީ އުނދަގޫ އަދި ޚަރަދުބޮޑު ކަމަކަށްވާއިރު ޚަރަދުކުޑަވެ ލުއިފަސޭހަވާނީ ހުވަދުއަތޮޅުގައި އިންޓަރނެޝަނަލް އެއަރޕޯޓެއް އޮތުމެވެ. ލުއިފަސޭހަކަމާއެކު ޚަރަދުކުޑަކޮށް ދާންޖެހޭތަނަކަށް ދެވެން އޮތުމަކީ ފަތުރުވެރިން އައުމަށް ވަރަށްބޮޑުބާރަކަށް ވާނެތީ ހުވަދުއަތޮޅުގައި އެއަރޕޯޓެއް އޮތުމަކީ ގިނަބަޔަކު އެސަރަޙައްދުގެ ރިސޯޓްތަކަށް ނުވަތަ ގެސްޓްހައުސްތަކަށް އަންނާނެ ކަމެކެވެ. ފަތުރުވެރިން އެއަރޕޯޓާއި ދުރުހިސާބުތަކަށް ދިޔުމަކީ ޚަރަދުބޮޑު އަދި އުނދަގޫ ކަމަކަށްވާތީ މިހާރުވެސް ދުރުހިސާބުތަކުގައި ހުންނަ ރިސޯޓްތަކާއި ގެސްޓްހައުސް ތަކަށް ފަތުރުވެރިން ދިޔުންމަދުކަމުގެ ވާހަކަ ވަރަށްގިނައިން ދެކެވެއެވެ. ހަމައެހެންމެ އައްޑޫ އާއި ހުވަދުއަތޮޅުގެ އާބާދީއަށް ބަލާއިރު އާބާދީބޮޑީ ހުވަދުއަތޮޅުގައި ކަމަށްވުމުން އިންޓަރނެޝަނަލް އެއަރޕޯޓްގެ ބޭނުންކުރާނެ ގިނަބަޔަކު ސަރަޙައްދުގައި ތިބޭނީވެސް ހުވަދުއަތޮޅުގައެވެ.

ހުވަދުއަތޮޅުގައި އިންޓަނެޝަނަލް އެއަރޕޯޓެއް ހެދުމަށްބަލާއިރު، ހުވަދުއަތޮޅުގެ ރަށްތައް އެތުރިފައިވާގޮތުން ކާޑެއްދޫ އޮތީ ހުވަދުއަތޮޅުގެ މެދަށްވާކަހަލަ ގޮތަކަށް ކަމަށްވުމުން ހުވަދުއަތޮޅުގެ އެންމެ ދެކުނުގައިވާރަށަށް ނުވަތަ އެންމެ އުތުރުގައިވާ ރަށަށް ދާންޖެހުނަސް ކާޑެއްދޫއިން ފުރައިގެން އެރަށްތަކަށް ދިޔުމަކީ ފަސޭހަ އަދި އަވަސްވާނެ ކަމެކެވެ. އަދި ކާޑެއްދޫ އޮތީ އަތޮޅުގެ ހުޅަނގުބިތުގައި ކަމަށްވާތީ ހުޅަގުމޫސުމުގެ ގަދައިގާވެސް ކާޑެއްދޫ ފަޅުތެރެމަޑުވާނެތީ އެއީ އެއަރޕޯޓް ބޭނުންކުރާ މީހުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެކެވެ. ހަމައެހެންމެ މަޑަވެލިން ފެށިގެން ފިޔޯރީ އާ ހަމަޔަށްހުރި ރަށްތަކަކީ އެއްފަޅެއްގެ ތެރޭގައި ހުރިރަށްތަކަކަށް ވުމުން ހުޅަގުމޫސުމްގެ ގަދާއިގާވެސް އެ ރަށްތަކަށް ލޯންޗްގައި ދަތުރުކުރާއިރު ދިގުފަރެއްގެ ހިމާޔަތް ލިބިފައި އޮތުމަކީވެސް އެބިތުގެ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް އެހާމެ ފަސޭހަކަން ލިބިގެންދާނެ ކަމެކެވެ. މަޑަވެލިން ފެށިގެން ފިޔޯރީއާއި ހަމަޔަށް އެއްފަޅެއްގައި ވަރަށް ގިނަފަޅުރަށްތަކެއް އޮތުމުން ދުރުމުސްތަޤުބަލަކަށް ވިސްނާއިރު އެރަށްތައް ރިސޯޓްތަކަކަށް ބަދަލުވެގެންވެސް ދިޔުމަކީ ނުވާނޭކަމެއްކަމަށް ބުނެވޭކަށްނެތެވެ. ހަމައެހެންމެ އެފަޅުތެރޭގައި މީހުން ދިރިއުޅޭ 6 ރަށް އޮތްއިރު ހުވަދުއަތޮޅުގެ އެންމެއާބާދީބޮޑު ރަށްކަމަށްވާ ތިނަދޫ އޮތީވެސް ކާޑެއްދޫ ކައިރީގައެވެ. ބުރިޖަކުން ކާޑެއްދޫ އާއި މަޑަވެލި ގުޅިއްޖެނަމަ އެއްފަޅެއްގައި އެހުރި ހުރިހާ ރަށަކަށްވެސް ކާޑެއްދޫން އިން ފެށިގެން އެއްގަމު މަގުން ދަތުރުކުރެވޭނެ ފުރުޞަތުވެސް ކޮންމެވެސް ދުވަހަކުން ލިބިގެން ދިޔުމަކީވެސް ނުވާނެކަމެއްނޫނެވެ. އަދި ކާޑެއްދޫ އިން ގއ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރާކަށްވެސް އުނދަގުލެއް ނުވާނެއެވެ.

ކާޑެއްދޫ އަކީ ބިންބޮޑު އަދި ބޮޑުކުރެވެން އޮތް، ފަޅުގެގޮތުންވެސް ބޮޑުފަޅެއް އޮތް ރަށަކަށް ވުމާއެކު ރަށުގައި ނުވަތަ ފަޅުގައި އެއަރޕޯޓުގެ އިތުރުން އެހެން ކަންކަން ކުރިކަމުގައިވިޔަސް ކިތަންމެކަމެއް ކުރެވެންއޮތް ރަށެކެވެ. އިންޓަރނެޝަނަލް އެއަރޕޯޓެއް ފެންވަރު ރަނގަޅުކޮށް ހަދައި ހިންގުމަކީ ޚަރަދުގެ ގޮތުންބަލާއިރު ކުޑަޚަރަދެއް ނޫނެވެ. އެހެންކަމުން ބަޔަކު އެކަމަށް އިންވެސްޓްކުރިޔަސް، އިންވެސްޓް ކަވަރކުރުމަށާއި ފައިދާއަށްޓަކައި އެތަނަކުން ލިބެންއޮތް އެކިއެކި ފުރުޞަތުތަކަށް އެބަޔަކު ވަރަށްބޮޑަށް ބަލާނެތީ ކާޑެއްދޫއަކީ އެގޮތުން ބަލާއިރު އިންވެސްޓަރުންވެސް ވަރަށްބޮޑަށް ހިތްހަމަޖެހޭނެ ގޮތަށް ކަންކަން ފަހިވާގޮތަށް އޮތް ރަށެކެވެ. ސަރުކާރުން ކުރިޔަސް އެއަރޕޯޓުން ގިނަބަޔަކަށް ފަސޭހައިން ޚިދުމަތް ދިނުމާއިއެކު ނެގޭނެ އެންމެބޮޑު ފައިދާއެއް ނެގުމަކީ މިޒަމާނުގައި ސަރުކާރުންވެސް އެންމެ އިސްކަންދޭނެ ކަމަކަށްވާތީ ކާޑެއްދޫވާނީ އެގޮތުން ބަލާއިރުވެސް އެންމެރަނގަޅު ރަށްކަމުގައެވެ. މަތީގައި ދެންނެވި ހުރިހާ ސަބަބުތައް އެހެންހުރުމާއެކު ހުވަދުއަތޮޅުގައި ބޮޑެތި ފްލައިޓް ޖެއްސޭވަރުގެ އިންޓަރނެޝަނަލް އެއަރޕޯޓެއް އޮތުން މުހިއްމުކަމާއި އަދި އެ އެއަރޕޯޓް ހަދަންވާނީ ކާޑެއްދޫގައިކަން ވަރަށް ރަނގަޅަށް އެގިގެންދެއެވެ. އާދެ، "ކާޑެއްދޫ އިންޓަރނެޝަނަލް އެއަރޕޯޓް" އަކީ ފެނުމުގެ ފުރުޞަތުއޮތް އެއަރޕޯޓެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ