
photo_2021-09-23 19.01.17
އެއީ ދިގު 30 އަހަރުގެ ރައީސް, މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ދުވަސްވަރެވެ. ބައްޕާފުޅު, މުޙައްމަދު ރަޝާދަކީ އެއިރުގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ގދ. އަތޮޅުގެ މެމްބަރެވެ. އޭރު ސިޔާސީ ވުމަކީ ނުވަތަ ސިޔާސީ މަސައްކަތަކީ ކޮބައިކަމެއް އޭނާއަށް ނޭނގެއެވެ. ނަމަވެސް ބައްޕާފުޅުގެ ސިޔާސީ ޙަޔާތުގައި ކުރެއްވި އެކި މަސައްކަތްތައް އޭނާއަށް ފެނިވަޑައިގެންނެވިއެވެ. ނުސީދާކޮށް ނަމަވެސް އެ މަސައްކަތުގައި އެކި ލެވެލްގައި ބައިވެރިވެވިފައި ވެއެވެ.

މިއީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި, ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑައިރެކްޓަރ, ޙުސައިން ޢަމްރު މުޙައްމަދު ރަޝާދުގެ ވާހަކަ އެވެ. އޭނާގެ ސިޔާސީ ޙަޔާތް ފެށިގެން އައި ގޮތާއި ސިޔާސީ ޙަޔާތުގެ އެކި ކަންކަމުގެ ވާހަކަ އެވެ. އޭނާ އަކީ ދިވެހިންނާއި ދިވެހި ސަރުކާރާއި ދައުލަތަށް އެތަކެއް ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ލިބިފައިވަނީވެސް ބައްޕާފުޅުގެ ހަޔާތުންނެވެ. ގދ. ތިނަދޫއަށް އުފަން ރަޝާދަކީ އެރަށުން މީހުން ބޭލި އިރު ރަށުން ފައިބައިގެން ދިޔަ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އެ އަނިޔާވެސް ތަޙައްމަލް ކުރެއްވިއެވެ. ރައީސް މައުމޫންގެ ޒައާމަތުގައި އެކި ގޮތް ގޮތުން ހިންގި ކަންކަމުގައި އަނިޔާ ލިބުނު މީހުންގެ ތެރޭގައި މުޙައްމަދު ރަޝާދަކީވެސް ގުނާލެވޭ ނަމެކެވެ. އެތައް ފަހަރެއްގެ މަތިން ޖަލަށް ލާފައިވެއެވެ. އަނިޔާކޮށްފައިވެއެވެ.
ޢަމްރު އަކީ އެންމެ ކުޑައިރުއްސުރެ, ކުރީގެ ރައީސް, އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ވަރަށް ގާތް ބޭފުޅެކެވެ. އެމަނިކުފާނު ކިޔަވައިގެން އެނބުރި މާލެ ވަޑައިގެން އުޅުއްވި އިރު ޢަމްރުގެ އުމުރަކީ އެންމެ 11 އަހަރެވެ. ޢަމްރު ދިރިއުޅުއްވާ ގެ ހުންނަނީ ރައީސް ނަޝީދުގެ ގެކޮޅު, ގ. ކެނެރީގޭގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް ކަމަށްވުމުން ކުޑައިރު އެ ގެއަށް ގޮސް ކުޅެ ހަދާ ހަނދާން އަމްރުގެ އެބަހުއްޓެވެ. އޭރުވެސް ރައީސް ނަޝީދަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސްތަކާއި އެކަހަލަ މުނާސަބާތައް ފާހަގަކޮށް ހެއްދެވި ބޭފުޅެއް ކަމުން, އެފަދަ ކަންކަމުގައި އަމްރުއަށްވެސް ރައީސް ނަޝީދާއެކު މަސައްކަތް ކުރެވިފައި އެބަ ހުއްޓެވެ.
އެމްޑީޕީ ވުޖޫދަށް އައިސް, އެ ޕާޓީގެ ހަރަކާތްތައް ފެށުނީއްސުރެ ޢަމްރުއަކީ އެ ޕާޓީގެ އެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ, އަދި ހަރަކާތްތެރިވަމުން އަންނަ ހިންގުންތެރި ފަރާތެކެވެ. އޭނާ އަކީ މިހާރު އެ ޕާޓީގެ ސިޔާސަތު ކޮމެޓީގެ މުޤައްރިރުގެ އިތުރުން ޕާޓީގެ އިޤްތިސާދީ ކޮމެޓީގެ މެމްބަރެއްވެސް މެއެވެ.
ސިޔާސީ ޙަޔާތް ފެށުން:
ޢަމްރު ސިޔާސީ މަސައްކަތަށް އެންމެ ފުރަތަމަ ނުކުތީ 2007 ވަނަ އަހަރު އެވެ. އެއީ އޭނާ މަތީ ތައުލީމް ޙާސިލްކުރުމަށް މެލޭޝިއާގައި ހުންނެވި ދުވަސްވަރެވެ. އެ އަހަރު ބޭއްވި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިނުގައިވެސް ޢަމްރު މަސްއޫލުވެ އުޅުއްވިއެވެ. އެއަށްފަހު 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ކެމްޕެއިން ކުރެއްވުމުގައި ޢަމްރު ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
އަމްރު ރާއްޖެ ވަޑައިގެންނެވީ ބިޒްނަސް އެޑްމިނިޓްރޭޝަން ދާއިރާއިން މާސްޓާސްއާ ހަމައަށް ކިޔަވައިގެން އެ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް ނަޝީދު ކުރި ހޯއްދެއްވުމާ ގުޅިގެން ޕާޓީއަށް ލިބުނު ކާމިޔާބާއި އުފަލުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނުގައިވެސް ޢަމްރު ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. އެ ފަހަރު އެމްޑީޕީއަށް މަޖިލީހުގެ ރަނގަޅު ކާމިޔާބީއެއް އެމްޑީޕީއަށް ލިބުނެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް ނަޝީދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރާއްޖެ ވަޑައިގެން އެއްދުވަހަކު ހިލާލީގޭގެ ތެރެއިން އެމަނިކުފާނާ ބައްދަލުވެ ޓައި އަޅައިގެން ހިލާލީ ގެއަށް ވަޑައިގަތުމަށް އޭނާއަށް ދައުވަތު އެރުވިއެވެ. އެ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އަނެއްކާވެސް އަމްރުއަށް ރައީސް ނަޝީދު ދައުވަތެއް އެރުއްވި އެވެ. މިފަހަރު ދައުވަތު އެރުވީ ޓައިއެއް އަޅައިގެން ރައީސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށެވެ.
ފިހާރައަކުން ޓައިއެއް ގަނެލައިގެން އަމްރު ރައީސް އޮފީހަށް ވަޑައިގަތުމުން އޭނާއާ ޙަވާލުކުރެއްވީ ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޓްރޭޑް ޕޮލިސީގެ އޮފީހާ އެވެ. އެއީ ސިޔާސީ ޙަޔާތުގައި ސަރުކާރަށް ޚިދުމަތްކުރައްވަން ޢަމްރު ފެއްޓެވި ހިސާބެވެ. އެ ވަޒީފާގައި ހުންނަވަނިކޮށް ދެން އޭނާއާ ޙަވާލުކުރީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެއީ 2010 ވަނަ އަހަރުގެ ފަހުކޮޅެވެ. އެއިރު އެމްޓީސީސީގެ ޙާލަތު އޮތީ ވަރަށް ދަށުގައެވެ. ކުންފުންޏަށް އޮތީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.
އެމްޓީސީސީގައި އެއް އަހަރު
ޢަމްރު އެމްޓީސީސީއާ ހަވާލުވި އަހަރު އެކުންފުނި އޮތީ 45 މިލިއަން ރުފިޔާގެ ގެއްލުމެއްގެ ތެރޭގައެވެ. އެމްޓީސީސީގެ ޚަރަދުތައް ބެލެހެއްޓުމަށް އެންމެ މަދުވެގެން 12 ޕްރޮޖެކްޓު ބޭނުންވާއިރު އަމްރު އެ ކުންފުންޏާ ޙަވާލުވި އިރު ހިނގަ ހިނގާ ހުރީ އެންމެ ހަތަރު ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓުތައްވެސް ހުރީ ނިމުމަކާ ކައިރިވެފައެވެ.
އެމްޓީސީސީއަކީ ސަރުކާރު ކުންފުންޏެއް ކަމުގައި ވީނަމަވެސް އެއިރު ޕްރޮޖެކްޓުތައް ހޯދަން ޖެހެނީ ބިޑްކޮށްގެން ކަމުން އެކަމުގައި ދަތިތަކެއް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ލިބިފައި ހުރި ތަޢުލީމާއި ތަޖުރިބާގެ އެހީގައި ކުންފުނި ކޮޅަށް ޖަހަން އަމްރު ފެއްޓެވި މަސައްކަތުން ސަރުކާރުގެ އެކި ޕްރޮޖެކްޓުތައް އެ ކުންފުންޏަށް ލިބެން ފެށިއެވެ. ހުޅުލެއާއި މާލެއާ ދެމެދު ސްޕީޑް ބޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީވެސް އަމްރު އެވެ. ގެއްލުމެއްގެ ތެރޭގައި އޮތް އެމްޓީސީސީއަށް ޢަމްރު ފައިދާ ނެރެދެއްވިއެވެ. 2012 ވަނަ އަހަރު އޭރު އޮތް އިދިކޮޅު ޕާޓީތަކުން އެމްޑީޕީގެ ސަރުކާރު ވައްޓާލި އިރު, އެމްޓީސީސީގައި 47 ޕްރޮޖެކްޓު ހިނގަ ހިނގާ އޮތެވެ. އެއީ އެންމެ އަހަރެއްގެ ތެރޭގައި އެ ކުންފުންޏަށް ޢަމްރު ހޯއްދަވައިދެއްވި ކުރިއެރުމެވެ.
ވެރިކަން ބަދަލުވުމާއެކު, 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ގައި ރައީސް އޮފީހުން ފޮނުވި ސިޓީއަކުން އޭނާ ވަޒީފާއިން ވަކި ކުރެވުނެވެ. އޭގެ ފަހުން ޢަމްރު އުޅުއްވީ އަމިއްލަ މަސައްކަތާއި ސިޔާސީ މަސައްކަތުގައެވެ. އެމްޑީޕީގެ ފަހަތުގައި ސާބިތުކަމާއި ވަފާތެރިކަމާއެކުއެވެ.
ސިޔާސީ ޙަރަކާތްތައް
އެމްޑީޕީގެ ސަރުކާރުގައި, ދައުލަތަށް ޚިދުމަތްކުރެއްވުމުގައި ހުންނެވި އިރު އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި 2010 ވަނަ އަހަރު ގދ. ފަރެސްމާތޮޑާ ދާއިރާގެ ރައީސް ކަމަށްވެސް ޢަމްރު އިންތިޚާބުވެވަޑައިގެންނެވިއެވެ. އެއީ އެ ޕާޓީން ބޭއްވި ޕާޓީ އެތެރޭގެ ފުރަތަމަ އިންތިޚާބެވެ. އެ އިންތިޚާބު ބާއްވަން ޖެހުނީ އެއިރު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރެއިން މެމްބަރުންތަކެއް ދާއިރާތަކަށް އައްޔަންކޮށް އެ ދާއިރާއެއްގެ ކަންކަން ވީހާވެސް ގާތުން ބަލައި ރައްޔިތުންގެ ހުރި ދަތިތައް އޮޅުންފިލުވުމުގެ ގޮތުންނެވެ.
އެއަށްފަހު 2011 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނުގައިވެސް ޢަމްރު އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވިއެވެ. އެ އިންތިޚާބުންވެސް އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބިވި އެވެ. އަދި 2012 ވަނަ އަހަރު ހިންގި "ބަޣާވާތަށްފަހު" އެމްޑީޕީން ހިންގި ހަރަކާތްތައް ރާވައި އިންތިޒާމްކުރުމުގައިވެސް ޢަމްރުއަކީ އެންމެ އިސް ސަފުގައި ހުންނެވި, ޕާޓީއަށް ވަފާތެރި ބޭފުޅެކެވެ.

"ބަޣާވާތަށްފަހު" ހިންގި ކާމިޔާބު ހަރަކާތްތަކުގެ ތެރެއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ތައްޔާރުވި އިރި އެކަމުގެ އެންމެ އިސް ސަފުގައިވެސް ޢަމްރު ޙަރަކާތްތެރިވެފައިވެއެވެ. އެގޮތުން އެ އަހަރުގެ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ފައްކާކޮށް, ތައްޔާރުކުރެއްވުމުގައިވެސް ޢަމްރު ޙަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި އެ އިންތިޚާބުގައި ރައީސް ނަޝީދަށް ކެމްޕެއިން ކުރެއްވުމުގައިވެސް އޭނާ ވަނީ ޙަރަކާތްތެރިވެވަޑައިގެންފައެވެ.
އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް އަމްރު ބެއްލެވީ ޕާޓީގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް ޕާޓީ ވަރުގަދަ ކުރުމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރެއްވުމުގެ ނިޔަތުގައި އެމްޑީޕީގެ ޓިކެޓުގައި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަރެސްމާތޮޑާ ދާއިރާއަށް އޭނާ ކުރިމަތިލެއްވިއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެ ދާއިރާއިން ކާމިޔާބު ހޯއްދެވި ނަމަވެސް މަޖިލިސް އިންތިޚާބުގައި އެންމެ 33 ވޯޓުގެ ތަފާތަކުން އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ. ނަމަވެސް އެއީ އެ ދާއިރާގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ޢަމްރުއަށް, އަދި ޚާއްސަކޮށް އެމްޑީޕީއަށް އެ ދާއިރާއިން ލިބުނު ކާމިޔާބީ އެކެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ރާއްޖެގެ ސިޔާސީ މަސްރަހު ބަދަލުވެ, ސިޔާސީ ވެރިންނަށް އަނިޔާވެރިވާން ސަރުކާރުން ފެށިއެވެ. އެ ގޮތުން ރައީސް ނަޝީދު ހިމެނޭހެން އެއިރު ސަރުކާރާ ދެކޮޅަށް ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންތައް ޖަލަށްލައި ސަރުކާރުން ހިންގި ލާ އިންސާނީ އަމަލުތަކުގެ ތެރެއިންވެސް ރައްޔިތުންގެ އަޑު އިއްވަން އެމްޑީޕީ އިސްވެ ހިންގި ހަރަކާތްތައް ރާވައި އިންތިޒާމްކުރުމުގައިވެސް ޢަމްރުގެ ދައުރު ބޮޑެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރު ހިންގި "މޭޑޭ މުޒާހަރާ" އާއި އެފަަދަ ހަރަކާތްތައް އިންތިޒާމުކޮށް ހިންގުމުގައި އަމްރުވަނީ އިސްވެ ހަރަކާތްތެރިވެފައެވެ. އަދި އެއިރު އިދިކޮޅުގައި ތިބި ސިޔާސީ ޕާޓީތަކުގެ މެދުގައި އެކުލަވައިލެވުނު އެއްބަސްވުމުގެ ދަށުން ސިޔާސީ ހައްޔަރީންގެ ގޮތުގައި ސަރުކާރުން ޖަލަށްލި ލީޑަރުން މިނިވަން ކުރުމަށް ގޮވާލައި ހިންގި ހަރަކާތްތަކަކީވެސް އަމްރު އިސްވެ ހުންނަވައިގެން ރޭވި ހަރަކާތްތަކެކެވެ.
ސިޔާސީ މަސައްކަތްތަކުގެ ތެރެއިން ޢަމްރު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ރައީސް ޔާމީންގެ ސަރުކާރުގައި, ރާއްޖޭގެ ދިގު ތާރީޚުގައިވެސް ހިންގި އެންމެ ބޮޑު ވައްކަން, އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކައާއި, އެ ސަރުކާރުން ހިންގި ކޮރަޕްޝަންގެ މައުލޫމާތު އާއްމުންނާ ހަމައަށް ފޯރުކޮށްދީ އެކަމާ ދެކޮޅަށް ހިންގި ހަރަކާތްތައް ރޭވުމެވެ. އެ މަސައްކަތުގެ ތެރެއިން, ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރަން އުޅޭ ކަމަށް ބުނެ, ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މުއްދަތެއް ނެތް ގޮތަށް ހައްޔަރުކޮށް ބަންދުކުރި މީހުންގެ ތެރޭގައި ޢަމްރުވެސް ހިމެނިވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމީންގެ އަނިޔާވެރި ފަސް އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ހުރިހާ އުއްމީދެއް ގުޅިފައި އޮތީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެވެ. ރައްޔިތުން އިންތިޒާރު ކުރަމުން އައީ އެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް ސިޔާސީ ލީޑަރުން މިނިވަން ކުރާނޭ ދުވަހަކަށެވެ. ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނުމަށެވެ.

ރައްޔިތުންގެ އިހްސާސްތައް ގާތުން ބަލަމުން, އެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ކެމްޕެއިން ކުރެއްވުމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ޝަޚްސަކީ އަމްރު އެވެ. އެމްޑީޕީގެ ސިޔާސަތު ކޮމެޓީގެ މުޤައްރިރުކަމުގައި ހުންނަވައިގެން ރިޔާސީ މެނިފެސްޓޯ ތައްޔާރުކުރެއްވިއެވެ. ރައީސް ސޯލިހުގެ ކެމްޕެއިންގެ ހުންގާނުގައި ހިއްޕެވި ކައްޕިތާނުންގެ ތެރެއިން ޢަމްރުއަކީ އެންމެ ތަޖުރިބާކާރު އެއް ފަހުލަވާނެވެ. އެ އިންތިޚާބުގައި ބޮޑު ތަފާތަކުން އެމްޑީޕީން ކާމިޔާބު ހޯދިއެވެ.
އެޖެންޑާ19 - މަޖިލިސް އިންތިޚާބު
ރިޔާސީ އިންތިޚާބަށްފަހު ދެން ކުރިމަތިވި އެންމެ ބޮޑު އިންތިޚާބަކީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެ އިންތިޚާބުގެ ކެމްޕެއިނުގައިވެސް ޢަމްރު ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. ކާމިޔާބު ކެމްޕެއިނަކަށްފަހު އެ އިންތިޚާބުގެވެސް އެމްޑީޕީން ކާމިޔާބުކުރީ މަޖިލީހުގެ "ސުޕަ މެޖޯރިޓީ" ހޯދައިގެންނެވެ. އެއަށްފަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނުގައިވެސް އަމްރުވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. އެ އިންތިޚާބުގައިވެސް އަމްރު ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.
ޢަމްރު އަކީ ތަޖުރިބާހުރި, ހިންގުންތެރި ލީޑަރެކެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މަތި ދެކުނު ޕްރޮވިންސް (ގދ. އަދި ގއ.) ގެ ރައީސް ކަމަށް އޭނާ ކުރިމަތިލައްވައިގެން އެހުންނެވީ އެ ދާއިރާގެ ކުރިއެރުމަށް ޕާޓީގެ ތެރެއިންނާއި ސަރުކާރު ތެރެއިން މަސައްކަތްކޮށްދެއްވުމުގެ މަޤްސަދުގައެވެ. ޢަމްރުގެ ކެންޑިޑޭޓް ނަމްބަރަކީ 01 އެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޢަމްރުއަށް ވޯޓު ދެއްވުމަކީ އޭނާއާއި އޭނާގެ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.



