logoEN
cocacola
ކޮވިޑަށް ޓެސްޓުކުރަން ތިނަދޫއަށް ގެނައި މެޝިން މޮނިއުމަންޓަކަށް؟

ކޮވިޑަށް ޓެސްޓުކުރަން ތިނަދޫއަށް ގެނައި މެޝިން މޮނިއުމަންޓަކަށް؟

ކ.ތ.ޒ

logo

7/19/2021, 5:50:16 PM

# ކޮލަމް

l_3592726

ގދ.ތިނަދޫ މޮނިޓަރިންގ އަށް ލެވިފައިވާތާ ތިންމަސް ވާން ކައިރި ވެފައި ވާއިރު، އަދިވެސް ރަށުގެ ހާލަތު މިވަނީ ނުކިއްސަރު ފައްތަރެއްގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ރެންޑަމް ސާމްޕަލް ތަކެއް ފައްސި ނުވާތާ ގިނަ ދުވަސް ތަކެއް ވީ ނަމަވެސް ކޮންޓެކްޓުންނާއި، ބަލީގެ އަލާމާތްތައް ހުންނަ މީހުން މިދަނީ ފައްސި ވަމުންނެވެ. ސާމްޕަލް ޕޮސިޓިވިޓީ ރޭޓް ދަށްވަމުން ދިޔުމާއެކު ރަށުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

ގޮސިޔާ

ކޮވިޑްގެ ހާލަތާއި ގުޅިގެން ރަށުން ސާމްޕަލްތައް ޓެސްޓް ކުރެވޭނެ މަގުފަހި ކުރުމުގެ ގޮތުން ތިނަދޫ އަށް " ޕޮއިޓް އޮފް ކެއާރ" މެޝިނެއް މިވަނީ ގެނެވި، އިންސްޓޯލް ކުރެވިފައެވެ. ނަމަވެސް ރަށުން ނަގާ ސާމަޕަލް ތައް އަދި ވެސް ފޮނުވަމުން ދަނީ މާލޭގެ ޕީ.ސީ.އާރު ލެބް ތަކަށެވެ. އައި.ޖީ.އެމް.އެޗް ލެބުގެ އިތުރުން ސެނެހިޔާ އަށާއި ޕޮލިސް ލެބަށެވެ. އެހެން ކަމުގައި ވާނަމަ ތިނަދޫ އަށް ގެނަސްފައި ހުރި މެޝިންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މޮނިއުމެންޓެއްގެ ގޮތުގައި ބެހެއްޓުން ހެއްޔެވެ؟

ތިނަދޫ ކައުންސިލް އިން ބޭއްވި ޕްރެސް ކޮންފެރެންސުގައި ވާހަކަ ދައްކަމުން ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖާރ، އަޙްމަދު ސަޢީދު ވިދާޅުވީ ފުލޫ ސާމްޕަލް ތަކާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ފަރާތްތަކުގެ ސާމްޕަލްގެ އިތުރުން އަތޮޅުތެރެއިން ގެންނަ ބައެއް ސާމްޕަލްތައްވެސް ތިނަދޫ އިން ޓެސްޓުކުރެވެމުން ދާނެކަމަށެވެ. ނަމަވެސް ހައިރިސްކް މީހުންނާއި އެހެނިހެން މީހުންގެ ސާމްޕަލްތައް ކުރިއެކޭ އެއްގޮތަށް ފުނުވަމުން ދާނީ މާލެއަށް ކަމުގައެވެ. ހައި ރިސްކު މީހަކު ޑައިރެކްޓް ކޮންޓެކްޓެއް ގޮތުގައި ފާހަގަ ވި ނަމަވެސް އަމަލު ކުރަނީ މިދެންނެވިހެންނެވެ. އެހެން ކަމުން އުފެދޭ ސުވާލަކީ ސައުވީސް ގަޑި އިރުތެރޭ 88 ސާމްޕަލް ޓެސްޓު ކުރެވޭ މެޝިނެއް ތިނަދޫ އަށް ގެނައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ރަނގަޅު ޓެސްޓިން ކެޕޭސިޓީއެއް ނެތި, ބަލި ކޮންޓްރޯލް ކުރުމަށް ދަތިވާނެ ކަމަށް ޚުދު ތިނަދޫގެ ސިއްޙީ ދާއިރާގެ އިސްވެރިން އިއުތިރާފްވެވަޑައިގެންފައިވާއިރު މިހާރު ލިބިފައިވާ މެޝިންގެ ބޭނުން މި ދަނޑިވަޅުގައި ރަނގަޅު ގޮތުގައި ހިފުން ބުއްދިވެރި އެވެ.

މެޝިން ގެންނަ ކަން އިއުލާންކޮށް ނޫސްތަކަށް މައުލުމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު, އަހުމަދު ސައީދު ވިދާޅުވީ ދުވާލަކު 88 ސާމްޕަލް ޓެސްޓު ކުރެވޭ މެޝިންގެ އޮޕަރޭޝަންތައް ފެށުމުން "މާލެއަށް ސާމްޕަލްތައް ފޮނުވުމުގެ ބަދަލުގައި ސާމްޕަލްތައް ތިނަދޫން ޓެސްޓު ކުރެވި, ބަލި ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެ" ކަމަށެވެ.

ސަރުކާރުން ފޯރުކޮށްދޭ ޕީސީއާރު މެޝިން ލިބެންދެން, ވަގުތީ ގޮތުން ކޮވިޑް19އަށް ޓެސްޓު ކުރުމަށް ގެނެސްފައިވާ އެ މެޝިނަކީ ޚަރަދު ކުޑަ މެޝިނެއް ކަމަށްވެސް ސައީދު ވިދާޅުވެފައި ވެއެވެ.ޗސައީދު ވިދާޅުވީ ޕޮއިންޓް އޮފް ކެއާ މެޝިންގެ ކާޓްރިޖްއަކީ ފަސޭހައިން ލިބޭ އެއްޗެއް ކަމަށްވުމުން އެ މެޝިން ވެގެންދާނީ ބަލި ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެންދާނެ މަގަކަށް ކަމަށެވެ.

ހޮސްޕިޓަލުން ޢާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު ނަތީޖާ ނުލިބޭ ކިތަންމެ ސާމްޕަލެއް ކޮންމެ ދުވަހަކުވެސް ހުރެއެވެ. އެހެން ކަމުން ތިނަދޫއަށް ގެނެވުނު މެޝިން އޭގެ ހެޔޮ ގޮތުގައި ބޭނުން ކުރަން ޖެހެއެވެ. ދީފައިވާ ލުއިތަކާއެކު ޢާންމުން މިވަނީ ބޭރުތެރެއަށް ކޮންމެވެސް ވަރަކަށް ނުކުންނަން ފަށާފައެވެ. އެހެން ކަމުން އަނެއްކާވެސް އަދަދުތައް މައްޗައް ޖެހިލުމުގެ ފުރުސަތު އޮތް އިރު މެޝިން މޮނިއުމެންޓެއްގެ ގޮތުގައި ބަހައްޓައިގެން ވާކަށް ނެތެވެ.

އެޑިޓަރުގެ ނޯޓު: މިއީ ގާފުގެ ކޮލަމް ސެކްޝަނަށް ކ.ތ.ޒ ލިޔެދީފައިވާ ކޮލަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ