
ގަދަ ހަތަރެއްގައި ހިމެނުމަށް މިރޭ ޔުނައިޓެޑް އަތުން މޮޅުވުން ނޫން ގޮތެއް ނެތް - ކްލޮޕް
ooop
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ގަދަ ހަތަރަކަށް ދާން ބޭނުން ނަމަ މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދުން ނޫން ގޮތެއް ލިވަޕޫލަށް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޔުނައިޓެޑް ދަނޑުގައި ލިވަޕޫލް އެންމެ ފަހުން މޮޅުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗު އެއްވަރުވިއިރު، ހަތަރު މެޗުން ލިވަޕޫލް ވަނީ ބަލިވެފައެވެ. ލީގުގައި ލިވަޕޫލް ދަނޑުގައި 0-0 އިން ދެޓީމު އެއްވަރުވި ނަމަވެސް ޔުނައިޓެޑުން ވަނީ އެފްއޭ ކަޕްގައި އެ ޓީމު ދަނޑުގައި ކުޅުނު މެޗުން 3-2 އިން ލިވަޕޫލް އަތުން މޮޅުވެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން މި ވަގުތު ވާދަކުރަމުން އަންނަނީ ގަދަ ހަތަރެއްގެ ރޭހުގަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީން ރޭ ހޯދި މޮޅާ އެކު އެ ޓީމާއި ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ ހަތް ޕޮއިންޓަށް ބޮޑުވެފަ އެވެ. ޗެލްސީ އަށް 34 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 33 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑްގެ އޮތީ 33 މެޗުން 55 ޕޮއިންޓެވެ.
"މެޗުތަކަކުން މޮޅެއް ނުވެ އަހަރެމެންގެ ޓާގެޓް ކަމަށްވާ ޔޫރަޕްގެ ޖާގައެއް ހޯދުން އެއީ ނުވާނެ ކަމެއް. އެހެންވީމަ ޔުނައިޓެޑް އަތުން ވެސް މޮޅެއް ހޯދުން ނޫން ގޮތެއް އަހަރެމެންނަށް ނެތް. މި މެޗުން މޮޅެއް 100 ޕަސެންޓަށް ވުރެން ވެސް މުހިއްމު." މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.
ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގައި އެވެ.