
ގދ. ގަން އެގްރޯ ކުންފުންޏަށް ދިނުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން: ޒާހިރު
ahmed zahir
ގދ. ގަން އެގްރޯ ކުންފުންޏަށް ދިނުމަކީ ގައްދޫ ރައްޔިތުން އެދޭ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޒާހިރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޒާހިރު ވިދާޅުވީ، ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި، ސަރުކާރުން ކުންފުނި ހަދައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށަ އަރައިގަތުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ.
އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތަކަށް އަރައިގަނެގެން އެމީހުން ކުރާ މަސައްކަތްތެރެއަށް ވަދެގެން އެމަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން. އަދި ގައްދޫ ދާއިރާގެ އިހުތިސާސް ތެރޭގައި ހިމެނޭ ގަން، އެގްރޯކުންފުންޏަށް އެގޮތަށް ދިނުމަކީ ގައްދޫ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަޖެހޭކަމެއް ނޫން. ޒާހިރު ވިދާޅުވިއެވެ.
ޒާހިރު އިތުރަށް ވިދާޅުވީ، އެއީ ފޭރުމެއް ކަމަށާއި އަދި އެގޮތަށް އެގްރޯ ކުންފުޏަށް ގަން ދިނުމަކީ ރައްޔިތުންވެސް ހިތްހަމަ ނުޖެހޭ ކަމެއް ކަމަށެވެ.
ގދ. ގައްދޫ ކައުންސިލާ ގަން ހަވާލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުުދެއް ކަމަށާއި އެ ވައުދު ފުއްދަވައިދެއްވުމަށް ޒާހިރު ވަނީ އެދިލައްވާފައެވެ.
ގދ. ގައްދޫ ކައިރީގައި އޮއްނަ ގދ. ގަމަކީ ގައްދޫ ރައްޔިތުން އެކި ބޭނުންތަކަށް ބޭނުންކުރަމުން އައްނަ ރަށަކަށް ވާތީ އެ ރަށް ގައްދޫގެ ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައެވެ.
ގަމަކީ ގައްދޫގެ ގިނަ ބަޔަކު ދަނޑުވެރިކަމުގެ އިތުރަށް ސިނާއީ މަސައްކަތަށްވެސް ބޭނުންކުރަމުން އައްނަ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.