.png&w=3840&q=75)
—
ކޮޓަރިތެރެއަށް ވެރިވި ހަލަބޮލިކަމުގެ ތެރެއިން ޝިޔާމާ ހަޅޭއްލަވައިގަތް އަޑަށް ނަރުހުންނާއި ޑޮކްޓަރުން ދުވަމުން އައިސް ކޮޓަރިއަށް ވަނެވެ. ޤާސިމްގެ ހާލު ދެރަވެގެން އަނެއްކާވެސް އޭނާ އެމްބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. މުޅި ގޭތެރެ އެފުށް މިފުށަށް ޖެހުނު ވަގުތުގެ ބޭނުން ހިފައި، ރާއިދު އޭނާގެ އަތުގައި އޮތް ސޮއިނެތް ލިޔުން ދަބަހަށްލައި، ފުލުހުން އައުމުގެ ކުރިން ގެއިން ނިކުތެވެ.

އޭނާއަށް އެނގެއެވެ. ކައިލް އެހެރީ އޭނާ ހައްޔަރުކޮށް، އޭނާގެ ދުވަސް ދުއްވާލަން ތައްޔާރަށެވެ. އެކަމަކު ރާއިދު ބިރެއް ނުގަނެއެވެ. އޭނާގެ ހިތުގައި މިހާރު އޮތީ ބަލި އެނދުގައި އޮތް ކާފައަށް އިންސާފު ހޯދައިދިނުމާއި، ކާފަގެ މުޅި އުމުރުގެ މަސައްކަތް، "އަލްފާ ގްރޫޕް" ކައިލްގެ ދަހިވެތިކަމުން ސަލާމަތްކުރުމުގެ އަޒުމެވެ.
ރާއިދު ސިއްރުން ދިޔައީ އޭނާގެ ގާތް ރަހުމަތްތެރިއެއް އަދި ކޮމްޕިއުޓާ އެކްސްޕާޓެއް ކަމަށްވާ ނާއިލްގެ ގެއަށެވެ.
"ނާއިލް، އަހަންނަށް ވަރަށް ބޮޑު އެހީއެއް ބޭނުންވެއްޖެ،" ރާއިދު ދަބަހުން ލިޔުންތައް ނަގަމުން ބުންޏެވެ. "ކައިލް އެބައުޅޭ ކާފަގެ ސޮއި އޮޅުވާލައިގެން ހޯދައިގެން، މުޅި ވިޔަފާރި އަތުލަން. މަގޭ އަތުގައި މިއޮތީ ކާފަ އަސްލު ބޭނުންވި ގޮތް، އެކަމަކު މިއަކު ސޮޔެއް ނެތް. އަހަރެން ޖެހޭނެ ކައިލް ހެދި ދޮގު ލިޔުމުގެ ހަގީގަތް ފަޅާއަރުވާލަން."
ނާއިލް ލިޔުންތަކަށް ބަލާލުމަށްފަހު ވިސްނާލިއެވެ. "ރާއިދު، ކޯޓުގައި ސޮއި ނެތް ލިޔުމަކަށް ބާރެއް ނުލިބޭނެ. އެކަމަކު ކައިލްގެ އަތުގައި އޮތް ލިޔުމަކީ އޮޅުވާލުމެއްކަން ސާބިތުކޮށްދެވިއްޖެނަމަ، އެ ލިޔުން ބާތިލުކުރެވޭނެ. ކައިލް އެ ސޮއި ހޯދި ދުވަހެއް ނުވަތަ ވަގުތެއް ހޯދަން އެބަޖެހޭ. ކާފަގެ ފޯނު ނުވަތަ ކައިލްގެ އީމެއިލްތަކުން ލޯޔަރު ޝާހިދުއާއެކު ދައްކާފައި ހުރި ވާހަކަތައް ހޯދިއްޖެނަމަ ހެކި ލިބޭނެ."
"ކާފަގެ ފޯނު އޮތީ ކައިލްގެ އަތުގައި،" ރާއިދު މާޔޫސްވިއެވެ.
"މައްސަލައެއް ނެތް،" ނާއިލް އޭނާގެ ލެޕްޓޮޕް ހުޅުވާލިއެވެ. "އަލްފާ ގްރޫޕްގެ މައި ސާވަރއަށް އަހަންނަށް ވަދެވިދާނެ. ކައިލް އާއި ޝާހިދު ބަދަލުކޮށްފައިވާ ރަސްމީ ޑްރާފްޓްތައް އޭގެ ތެރޭގައި ހުރެދާނެ. ހާއްސަކޮށް އެމީހުން ލިޔުން ތައްޔާރުކުރި ތާރީޚުގެ ޑާޓާ ބަލައިގެން، އެއީ ރާއިދު ކާފަ ބަލިވުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ ހެދި އެއްޗެއްކަން އެނގޭނެ."
ނާއިލް އޭނާގެ މަސައްކަތްކުރަން ފެށިއެވެ. ގަޑިއެއްހާއިރުގެ މަސައްކަތަށްފަހު، ނާއިލްގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. "ރާއިދު! މި ބަލާބަލަ. ކައިލްގެ އަތުގައި އޮތް ލިޔުން ކުންފުނީގެ ސިސްޓަމަށް އަޕްލޯޑްކޮށްފައިވަނީ މީގެ ހަފުތާއެއް ކުރިއަކުން ނޫން. އެއީ ރޭގައި... ކާފައަށް ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން!"
ރާއިދުގެ ލޮލުން އުންމީދުގެ އަލިކަމެއް ފާޅުވިއެވެ. "އޭގެ މާނައަކީ އެމީހުން އެ ލިޔުން ހެދީ ރޭގައި! އެކަމަކު ކާފަގެ ސޮއި އެއަށް އައީ ކިހިނެއް؟"
"ޓެކްނޮލޮޖީ ބޭނުންކޮށްގެން ސޮއި ކޮޕީކުރީ ނުވަތަ ކުރިން ކާފަ ސޮއިކޮށްފައި އޮތް ހުސް ގަނޑެއް ބޭނުންކުރީ،" ނާއިލް ބުންޏެވެ. "އަދި ބަލާބަލަ، މިހިރީ ޝާހިދު ރޭ ދަންވަރު ކައިލްއަށް ފޮނުވި އީމެއިލްއެއް. އޭގައި އޮތް: 'ސޮއި ދިމާވެއްޖެ. މިއަދު ހެނދުނުގެ ބޯޑު މީޓިންގްއަށް މި ހުށަހަޅާނަން'."
ރާއިދު ދަތްކުޑިވިކާލިއެވެ. "މިއަދު ހެނދުނު؟ އެހެންވީމާ ކައިލް އެއުޅެނީ މިއަދު މުޅި ކުންފުނީގެ ބޯޑު މީޓިންގްއެއް ބާއްވައި، އެ ލިޔުން ފާސްކޮށް، އަމިއްލައަށް ހުރިހާ ބާރެއް އަތުލަން!"
ރާއިދު ގަޑިއަށް ބަލާލިއެވެ. ހެނދުނު 10 ޖަހަނީއެވެ. ބޯޑު މީޓިންގް ފެށޭނީ 10:30 ގައެވެ. އޭނާގެ އަތުގައި މިހާރު ހެކި އެބައޮތެވެ. ނަމަވެސް އޭނާ އެތަނަށް ހިނގައްޖެނަމަ، ކައިލް ފުލުހުން ލައްވައި އޭނާ ހައްޔަރުކުރުވާނެއެވެ.
ރާއިދު ފުން ނޭވާއެއްލިއެވެ. "ނާއިލް، ތިޔަ ހުރިހާ ހެއްކެއް މަގޭ ފޯނަށް ފޮނުވާލާ. އަހަރެން ސީދާ އަލްފާ ގްރޫޕްގެ ހެޑް އޮފީހަށް ދާނީ."
"އެކަމަކު ރާއިދު، އެއީ ނުރައްކަލެއް! ކައިލް ހުރީ ބާރުގަދަކޮށް،" ނާއިލް ކަންބޮޑުވިއެވެ.
"ކާފަގެ ހައްގުގައި އަހަރެން މި ނުރައްކާ ނަގާނަން،" ރާއިދު ޔަގީންކަމާއެކު ބުންޏެވެ.
ޖެހިގެން އައި ބައިގަޑިއިރުގެ ތެރޭގައި، އަލްފާ ގްރޫޕްގެ ބޮޑު ކޮންފަރެންސް ރޫމްގެ ތެރޭގައި ބޯޑު މެމްބަރުން ތިބީ ހަމަހިމޭންކަން މަތީގައިއެވެ. މޭޒުގެ އިސް މަގާމުގައި ކައިލް އިނީ ވަރަށް ފަޚުރުވެރިކަމާއެކުގައެވެ. އޭނާ އާއި ޖެހިގެން ކައިރީގައި ލޯޔަރު ޝާހިދު އިނެވެ.
"ބޯޑުގެ އިއްޒަތްތެރި މެމްބަރުން، ބައްޕަގެ ހާލަތު ހުރިގޮތުން، ކުންފުނީގެ ކުރިމަގަށްޓަކައި ބައްޕަ ވަނީ މި ލިޔުން ތައްޔާރުކޮށްފައި،" ކައިލް އެ ދޮގު ލިޔުން މޭޒުމަތީގައި ބޭއްވިއެވެ. "މި ލިޔުމުގައިވާ ގޮތުން މިއަދުން ފެށިގެން މުޅި ކުންފުނީގެ ފުލް ކޮންޓްރޯލް ލިބެނީ އަހަންނަށް..."
"ތިޔައީ އިތުރުފުޅެއް!"
ކޮންފަރެންސް ރޫމްގެ ބޮޑު ދޮރު ބާރަށް ހުޅުވާލަމުން ރާއިދު އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ދެ ފުލުހުންވެސް ވަދެގެން އައެވެ.
ކައިލް ސިހިގެންގޮސް ކޮޅަށް ތެދުވިއެވެ. "ރާއިދު! ކަލޭގެ ކެރޭވަރު ބަލާބަލަ މިތަނަށް އަންނަން. އޮފިސަރުން، މިއީ އަހަރެން ބުނި ވައްކަން ކުރަން އުޅުނު މީހަކީ. ހައްޔަރުކުރޭ އޭނާ!"
ނަމަވެސް ފުލުހުން ރާއިދުއާ ދިމާލަކަށް ނުދިޔައެވެ. އެމީހުން ހިނގައިގަތީ ސީދާ ކައިލްއާ ދިމާލަށެވެ. ރާއިދު އޭނާގެ ފޯނު ނަގައި މޭޒުމަތީގައި ބޭއްވިއެވެ.
"ބޮޑުބޭބެ ކައިލް... އަދި ލޯޔަރު ޝާހިދު،" ރާއިދުގެ އަޑުގައި ވަނީ ނުގުޑާ ފަދަ ސާބިތުކަމެކެވެ. "މި ފޯނުގައި އެހެރީ ރޭ ދަންވަރު ތިޔަ ދެމީހުން ބަދަލުކުރި އީމެއިލްތަކާއި، ތިޔަ ހުށަހެޅި ލިޔުން ރޭ ދަންވަރު ހެދިކަމުގެ ޑިޖިޓަލް ހެކި. ފުލުހުން މިތަނަށް މިއައީ އަހަރެން ހައްޔަރުކުރާކަށް ނޫން. ލިޔެކިޔުން ފޯޖުކުރުމާއި އޮޅުވާލުމުގެ ކުށުގައި ތި ދެމީހުން ހައްޔަރުކުރަން!"
ކައިލްގެ މޫނުން މުޅިން ލޭ ހިނދިގެން ދިޔައެވެ. ލޯޔަރު ޝާހިދު ބިރުން ކަރުދާސްތައް އެއްކުރަން އުޅުނެވެ. މުޅި ބޯޑު ރޫމްގެ ތެރޭގައި ސުވާލުތަކާއި ހައިރާންކަން އުފެދުނެވެ.
އެވަގުތު ރާއިދުގެ ފޯނަށް ހޮސްޕިޓަލުން ޝިޔާމާ ގުޅިއެވެ. ރާއިދު އަވަހަށް ފޯނު ނެގިއެވެ. "މަންމާ، ކާފަ ކިހިނެއް؟"
ފޯނުގެ އަނެއްކޮޅުން ޝިޔާމާ ރޮމުން ދެއްކި ވާހަކައިން ރާއިދުގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
މި ވާހަކައިގެ ހަވަނަ ބައި ގެނެސްދޭނީ އަންނަ ހުކުރު ދުވަހު އެވެ.



