.png&w=3840&q=75)
-
ރާއިދުގެ ކޮނޑުހުޅުން ވާގިދޫވި ފަދައެވެ. ކައިލްގެ އެ މަކަރުވެރި ބަލާލުމުން އޭނާއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ. ބޮޑުބޭބެއަށް އެ ފޮށި މިހާރު ފެނުނީ ހެއްޔެވެ؟ ނޫނީ އޭނާ އެ އުޅެނީ ރާއިދު ލައްވައި އަމިއްލައަށް އެކަން އެއްބަސްކުރުވަން ހެއްޔެވެ؟

"ކޮބާ ރާއިދު؟ ބައްޕަ އެބުނާ ފޮށި ގެނެސްދީބަލަ،" ކައިލް އަނެއްކާވެސް ބުންޏެވެ. އޭނާގެ އަޑުގައި ވަނީ މަލާމާތުގެ ރާގެކެވެ.
"ރާއިދު... ދަރިފުޅާ، ފޮށި ކޮބާ؟" އެނދުގައި އޮތް ޤާސިމް، ނޭވާ ކުރުވަމުންދާ ހާލު ސުވާލުކުރިއެވެ.
ރާއިދު ހިންދިރުވާލިއެވެ. "ކާފާ... ފޮށި... ފޮށި ވީ އަހަރެންގެ ކޮޓަރީގައި. ރޭގައި ބޮޑުބޭބެ ކާފަގެ ކޮޓަރިއަށް ވަދެ އެއްޗެހިތައް ހާވަނިކޮށް ފެނިގެން، ރައްކާތެރިކުރަންވެގެން އަހަރެން އެ ގެންދިޔައީ."
ރާއިދު ނިންމީ ސީދާ ހަގީގަތް ހާމަކުރާށެވެ. އެއާއެކު ކައިލްގެ މޫނުމަތިން ހިނިތުންވުން ގެއްލި، ރުޅިވެރިކަން ވެރިވިއެވެ.
"ކީކޭ؟" ކައިލް ހަޅޭއްލަވައިގަތެވެ. "ބައްޕާ، މިއީ މިހިރަ މަކަރުވެރި ކުއްޖާގެ ވާހަކަ ހުރިގޮތް! ބައްޕަ ބަލި އެނދުގައި އޮއްވައި މިއުޅެނީ ބައްޕަގެ މުދާގަނޑު ވަގަށް ނަގަންވެގެން. އަހަރެން ރޭގައި މި ކޮޓަރިއަށް ވަނީ ބައްޕަގެ ބޭސް ސިޓީއެއް ބަލާ!"
"ހުއްޓާލާ ކައިލް!" ޝިޔާމާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. "އަހަރެންގެ ދަރިފުޅު ދުވަހަކުވެސް ވައްކަމެއް ނުކުރާނެ. ބައްޕަ ރާއިދު ގާތު އެ ބުނީ އެ ފޮށި ނަގާށޭ."
"ޝިޔާމާ، ތި ދިފާއުކުރަނީ ބޮޑު ވަގެއް،" ކައިލް ޖީބުން ފޯނު ނެގިއެވެ. "އަހަރެން މިހާރު ލޯޔަރު ޝާހިދުއަށް ގުޅައިފިން. އޭނާ އެބައާދޭ ބައްޕަގެ އަސްލު ވަޞިއްޔަތް ހިފައިގެން. ބައްޕަ ސޮއިކޮށްފައި އޮތް ރަސްމީ ލިޔުން އޮތީ ޝާހިދު އަތުގައި. ރާއިދު ތިޔަ އުޅެނީ ބައްޕަގެ ސޮއި ނަކަލުކޮށްގެން އާ ލިޔުމެއް ހަދަންވެގެން!"
ރާއިދު ސިހުނެވެ. ކައިލް އެ ރާވަނީ ވަރަށް ބޮޑު މަޅިއެކެވެ. ލޯޔަރު ޝާހިދުއަކީ ކައިލް ބުނި ކޮންމެ ގޮތަކަށް ކަންތައް ކުރަން ތައްޔާރަށް ހުރި މީހެއްކަން ރާއިދުއަށް ރޭގައި އިވުނު ފޯން ކޯލުން އެނގެއެވެ.
މި ބަހުސް ހިނގަމުންދަނިކޮށް، ގޭގެ ނޯކަރެއް އައިސް ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. "ކައިލް... ލޯޔަރު ޝާހިދު އެބައިން ސިޓިންގް ރޫމްގައި."
"އަންނަން ބުނޭ އެތެރެއަށް،" ކައިލް އަމުރުވެރި ގޮތަކަށް ބުންޏެވެ. އަދި ރާއިދުއަށް ބަލާލިއެވެ. "ދޭ، ގޮސް ތިޔަ ބުނާ ރަތް ފޮށި ހިފައިގެން އާދޭ. ބަލަމާ ކާކުގެ ލިޔުމެއްތޯ ސައްހައީ."
ރާއިދު ކޮޓަރިން ނިކުމެ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭނާ އެނދު ދަށުން ރަތް ފޮށި ނެގިއެވެ. އޭނާގެ އަތްތިލަ ތުރުތުރުލަމުންދިޔައެވެ. ކާފަގެ ސިއްރު ލިޔުމުގައި އޮތް ގޮތުން މުޅި ކުންފުނީގެ ކޮންޓްރޯލް ލިބެނީ ރާއިދުއަށެވެ. އެކަމަކު ކައިލް އާއި އޭނާގެ ލޯޔަރު މިއަދު އެ ލިޔުން ބާތިލުކޮށް، ރާއިދު ބަދުނާމުކޮށްލާނެއެވެ.
ރާއިދު ފޮށި ހިފައިގެން އެނބުރި ޤާސިމްގެ ކޮޓަރިއަށް ދިޔައިރު، އެތަނުގައި ލޯޔަރު ޝާހިދު އިށީނދެގެން އިނެވެ. އޭނާގެ އަތުގައި ކަޅުކުލައިގެ ފައިލެއް އޮތެވެ.
"ބައްޕާ، މިއީ ބައްޕަ މީގެ ހަފްތާއެއް ކުރިން އަހަރެމެންގެ ހާޒިރުގައި ތައްޔާރުކުރި ލިޔުމަކީ،" ކައިލް ޝާހިދުގެ ފައިލުން ލިޔުމެއް ނަގައި ޤާސިމްއަށް ދެއްކިއެވެ. "މި ލިޔުމުގައިވާ ގޮތުން އަލްފާ ގްރޫޕްގެ 80 އިންސައްތަ ލިބެނީ ކައިލްއަށް. ޝިޔާމާއަށް 20 އިންސައްތަ. ރާއިދުއަކަށް އެއްވެސް ހިއްސާއެއް ނެތް."
"އެއަކު ބައްޕަގެ ސޮޔެއް ނޯންނާނެ!" ޤާސިމް އެނދުން ތެދުވަން މަސައްކަތްކުރަމުން، ވަރަށް ބަލި އަޑަކުން ބުންޏެވެ. "އަހަރެން ސޮއިކުރީ... ރާއިދުގެ ނަމުގައި އޮތް ލިޔުމުގައި."
"ނޫން ބައްޕާ، ބައްޕަ މިއޮތީ ސޮއިކޮށްފައި،" ކައިލް އެ ލިޔުން ޤާސިމްގެ ކުރިމައްޗަށް ދިއްކޮށްލިއެވެ. މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.
ރާއިދު ކުރިއަށް ޖެހިލާފައި އެ ލިޔުމަށް ބަލާލިއެވެ. އޭގައި އޮތީ ހަމަ ކާފަގެ ސޮޔެވެ. އެކަމަކު ކާފަ އެބުނަނީ އޭނާ އެއަކު ސޮއި ނުކުރާ ވާހަކައެވެ. ރާއިދުއަށް ކުއްލިއަކަށް ކަމެއް ވިސްނުނެވެ. ކާފަ ސްޓްރޯކް ޖެހުމުގެ ކުރިން، ކޮންމެވެސް ގޮތަކުން ކައިލް ގާސިމްއަށް އޮޅުވާލައިގެން އެ އޮތީ ސޮއި ހޯދާފައިއެވެ!
"މިއީ ދޮގު ލިޔުމެއް!" ރާއިދު ހަރުއަޑުން ބުންޏެވެ. "ބޮޑުބޭބެ ތިޔައުޅެނީ ކާފައަށް އޮޅުވާލައިގެން މުދާ އަތުލަން!"
"ހެކި ކޮބާ؟" ކައިލް ރާއިދުއާ ދިމާލަށް ފިޔަވަޅެއް ކުރިއަށް އެޅިއެވެ. "ކޯޓަށް ދިޔަޔަސް ބަލާނީ ސޮޔަށް. ރާއިދު، ކަލޭގެ އަތުގައި އޮތް ލިޔުމުގައި ބައްޕަގެ ސޮއި އެބައޮތްތަ؟"
ރާއިދު އަވަސް އަވަހަށް އޭނާގެ އަތުގައި އޮތް ރަތް ފޮށި ހުޅުވާލިއެވެ. އޭގެ ތެރެއިން ޤާސިމް ބުނި ހަގީގީ ލިޔުން ނަގައި ބަލާލިއެވެ. އޭނާގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ.
އެ ލިޔުމުގެ ތިރީގައި... ކާފަގެ ސޮޔެއް ނެތެވެ! ކާފައަށް ސްޓްރޯކް ޖެހުނީ އެ ލިޔުމުގައި ސޮއިކުރަން އުޅެނިކޮށެވެ.
ކައިލް ބާރަށް ހީގަތެވެ. "ސޮއި ނެތް ލިޔުމަކީ ހަމައެކަނި ކަރުދާސްގަނޑެއް! ޝާހިދު، ޕޮލިހަށް ގުޅާ. މިގޭ ތެރެއިން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރާއިދު ހައްޔަރުކުރަން ޖެހޭނެ."
ޝިޔާމާ ރާއިދުގެ ގައިގައި ބައްދާލިއެވެ. ޤާސިމްއަށް ލިބުނު ޝޮކެއްގެ ބޮޑުކަމުން އަނެއްކާވެސް ލޯ މެރި، އެނދުމައްޗަށް ވެއްޓުނެވެ.
ރާއިދު މަޅިއެއްގައި ބެދުނީއެވެ. ސޮއި ނެތް ލިޔުމަކުން އޭނާއަށް ކާފަގެ ބޮޑު ވިޔަފާރި ސަލާމަތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟
މި ވާހަކައިގެ ފަސް ބައި ގެނެސްދޭނީ އަންނަ ހޯމަ ދުވަހު އެވެ.



