logoEN
Sto top
ފޯޅަވަހީގެ މައްސަލައިގައި ސޯލިހް މޮރިޝަސްއަށް ފޮނުވި ސިޓީ ރައީސް މުއިއްޒު އަނބުރާ ގެންނަވައިފި

ފޯޅަވަހީގެ މައްސަލައިގައި ސޯލިހް މޮރިޝަސްއަށް ފޮނުވި ސިޓީ ރައީސް މުއިއްޒު އަނބުރާ ގެންނަވައިފި

އަހުމަދު ޝުރާއު

logo

2/5/2026, 6:25:42 PM

# ރައީސް މުއިއްޒު

-

ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނައުތަށް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފިއެވެ.

Wamco

އަނބުރާ ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ މި ސިޓީއަކީ ޗާގޯސްގެ މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ދީފައިވާ އިސްތިޝާރީ ލަފަޔަކާއި ގުޅިގެން، އޭރުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވިސްނުން ބަދަލުކުރިކަން ހާމަކޮށް ފޮނުވާފައިވާ ސިޓީއެކެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ވެރިކަމާއި ޙަވާލުވުމަށްފަހު، ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިޓްލޮސްގައި ހިނގާދިޔަ މައްސަލައިގައި ކުރީ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތްތަކާއި ނިންމުންތައް ވަނީ ފުރިހަމައަށް މުތާލިއާކޮށްފައެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އިޓްލޮސްގެ މައްސަލަ ހިނގަމުން ދަނިކޮށް ކުރީގެ ސަރުކާރުން ކުއްލިއަކަށް، އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމަކީ، ރާއްޖޭގެ މަސްލަޙަތަށް ނޭދެވޭ އަސަރުތަކެއް ކުރި ކަމެއް ކަމުގައި ބަޔާންކުރައްވާފައިވެއެވެ. މި ބަދަލަކީ އެއްވެސް ހަމައެއް ނެތް، އިންޞާފުން އެއްކިބާވެފައިވާ އަދި އިޖުރާއަތްތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ސަރުކާރުން ފާހަގަކުރެއްވިއެވެ.

މި ކަންކަމަށް ރިއާޔަތްކުރައްވައި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

އަދި 16 ވަނަ ޤަރުނުގެ ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވުމާއި، ޒަމާނުއްސުރެ ދިވެހިންނާއި އެ ސަރަޙައްދާ ދެމެދު އޮތް ކަނޑުގެ މުޢާމަލާތްތަކަކީ ފޯޅަވަހީގެ މުސްތަޤުބަލާ މެދު ދިވެހިރާއްޖޭގެ މަސްލަޙަތު އޮތްކަން ހާމަކޮށްދޭ ހެކިތަކެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރަޙައްދީ ހަމަޖެހުމާއި އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ ފަދަ އިންސާފުވެރި ޙައްލެއް ހޯދުމަށް މޮރިޝަސް އާއި އެހެނިހެން ފަރާތްތަކާއެކު މަސައްކަތް ކުރުމުގައި ދެމިހުންނަވާނެކަމަށާއި މި މަސައްކަތުގައި ދިވެހި ރައްޔިތުންގެ މަސްލަޙަތު އިސްކުރައްވާނެ ކަމަށް މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC