
ތިލަފުއްްޓަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފި
# ރައީސް މުއިއްޒު-
ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.
އެމްޕީއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ސީ.އެޗް.އީ.ސީން ކުރިއަށް ގެންދާނެކަމަށެވެ. މި މަސައްކަތްތައް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައިވާއިރު، ސާރވޭ އާއި ޑިޒައިންގެ މަސައްކަތް ނިމުމުން، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ އަމަލީ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.
އެމްޕީއެލުން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު، 20 ހެކްޓަރަށް ބަދަލުވެގެންދާނެ ކަމަށާއި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރެވޭނެ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއްވެވި އެމަނިކުފާނުގެ 3 ވަނަ ރިޔާސީ ބަޔާނުގައި ވަނީ އިއުލާނުކުރައްވާފައި އެވެ. އަދި މީގެ ސަބަބުން މާލެ، ހުޅުމާލެ ވިޔަފާރި ބަނދަރު އަދި ޓީ-ޖެޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގުޅުންހުރި

ފޯޅަވަހީގެ މައްސަލައިގައި ސޯލިހް މޮރިޝަސްއަށް ފޮނުވި ސިޓީ ރައީސް މުއިއްޒު އަނބުރާ ގެންނަވައިފި

ފަސް ކާފު ހަމަ، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް!

ތިލަފުއްްޓަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފި





