
ރައީސްގެ ނިންމެވުމާ އެއްގޮތަށް ކުރިން ވެސް ކަނޑައެޅިފައި އޮތް ރާއްޖޭގެ އެސްއީޒެޑް ބެލެހެއްޓުމަށް ސިފައިންގެ އުޅަނދުތައް ނުކުމެއްޖެ
# ރައީސް މުއިއްޒު-
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ކުރިން ވެސް ކަނޑައެޅިފައި އޮތް ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ސިފައިންގެ އުޅަނދުތައް ނުކުމެ ޚާއްސަ ސަވައިލެންސް އޮޕަރޭޝަނެއް ފަށައިފި އެވެ.

ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، އެކަން އިޢުލާނުކުރައްވާފައެވެ.
މިއާއިއެކު ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާތީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ދިވެހި ސިފައިންނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމުގައި ބަލާނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކުރާ ސަރަޙައްދުކަމަށެވެ.\
އެގޮތުން ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވުކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުކަމާއި، އެގޮތުން ދިވެހިރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ޤައުމުތަކާއެކު 31 ޖުލައި 1976 ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ޑިޓަރމިނޭޝަން އޮފް ދަ ޓްރައި ޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން އެއްވެސް ޤައުމަކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައިނުވެއެވެ.
މިއާއިއެކު ދިވެހިރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދެއް ދިވެހިރާއްޖެއަށް ލިބިގެންވާކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާތީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސިފައިންގެ މައިގަނޑު މަޤްޞަދުކަމަށް ބަޔާންކޮށްފައިވުމުން ސިފައިންގެ ޤާނޫނުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުމާއި، ޤައުމީ މަސްލަހަތު ޙިމާޔަތްކޮށް، ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަމާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް ސިފައިންގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވާކަން ދިފާއީ ވުޒާރާގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާ އަދި ޤާނޫނުތަކުގައި ލާޒިމްކޮށްފައިވާ ފަދައިން ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަސްކަރިއްޔާގެ ޤާބިލްކަން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އިޚްލާޞްތެރިކަމާއި، ފަރުވާތެރިކަމާ އަދި ސާބިތުކަމާއެކު ދިވެހި ސިފައިން އަދާކުރާނެ ކަމުގައި ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.
މިއާއެކު ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަރވައިލަންސް އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.
ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ކަނޑުތަކުގައި، ޤާނޫނީ ހަމަތަކުގެ މަތިން އިޤްތިޞާދީ އަދި އިޖުތިމާޢީ ނަފާއާއި މަންފާ ޙާޞިލުކުރުމަށް ފަހި، އަމާން އަދި ރައްކާތެރި ވެއްޓެއް ދިވެހިންނަށް ޤާއިމުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ދިވެހި އަސްކަރިއްޔާއިން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދިފާއީ ވުޒާރާއިން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ގުޅުންހުރި

ފޯޅަވަހީގެ މައްސަލައިގައި ސޯލިހް މޮރިޝަސްއަށް ފޮނުވި ސިޓީ ރައީސް މުއިއްޒު އަނބުރާ ގެންނަވައިފި

ފަސް ކާފު ހަމަ، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް!

ތިލަފުއްްޓަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފި





