
ބޮޑުގެ މިސްކިތް މަޝްރޫއު ނިމިގެންދާއިރު އެމިސްކިތް ވާނީ މާލޭގައި ހުރި އެންމެ ވަސީލަތް ގިނަ މިސްކިތަށް - ޝަހީމް
# އިސްލާމިކް މިނިސްޓްރީ-
މިއަދު ބިންގާ އެޅިގެންދިޔަ މ. ބޮޑުގެ ސަރަހައްދުގައި ބިނާ ކުރާ މިސްކިތުގެ މަޝްރޫޢު ނިމުމާއެކު މިއީ މާލޭގައި ހުރި އެންމެ މިޒަމާނަށް ފެތޭ އެއް ތަނަކުން އެންމެ ގިނަ ވަސީލަތްތައް ބޭނުންކުރެވޭ މިސްކިތަކަށް ވެގެންދާނެކަމަށާއި މި މިސްކިތް ވެގެންދާނީ ދަޢުވާ ސެންޓަރަކަށް އަދި ދީނީ އެކި ހަރަކާތްތަކާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައްވެސް ހިލޭ ކުރިއަށް ގެންދެވޭނެ ސެންޓަރަކަށްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ، މި މިސްކިތުގެ މަޝްރޫޢުއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ވަރަށް ގާތުން ކަންކަން ބެއްލެވި މަޝްރޫޢުއެއްކަމަށާއި މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެލެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި މިސްކިތް ބިނާކުރެވޭ މި ބިމަކީ ކުރީގައިވެސް ތަޢުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވުނު ތަނެއްކަމަށާއި މި މަޝްރޫޢުވެސް ކުރިއަށް ދަނީ މިގޮތުގެ މަތިން އަޅުކަމާއި ތަޢުލީމާއި އިޖުތިމާޢީ އެކި ހަރަކާތްތައްވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވާ ބާކީ ހުރިހާ މިސްކިތްތަކެއް ހުރި ބިންތަކުގައި އާ މިސްކިތް އެޅުމަށް މިހާރު ވަނީ ސްޕޮންސަރުން ހަމަޖެހިފައިވާކަމަށާއި މީގެ ތެރެއިން ބަރުބަރީ މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިއަހަރުގެ ޑިސެމްބަރަށް އިރާދަކުރެއްވިއްޔާ މިސްކިތުގެ މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އާ މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގައި ޢިމާރަތް ކުރުމަށް ހަމަޖެހިފައިވާ އެކި މަޝްރޫއުތަކަށް ސްޕޮންސަރ ހަމަޖެހިފައިވާއިރު މި ހުރިހާ މަޝްރޫޢުތަކަށް އެކީގައި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިގެންދާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބޮޑުގެ މިސްކިތުގެ މަޝްރޫޢުއަށް ޚަރަދުކުރައްވާ އަމިއްލަ 4 ފަރާތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ގުޅުންހުރި

ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ
.jpg&w=3840&q=75)
ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް!

މިއަހަރުގެ މިހާތަނަށް 738 އިމާމުންނަށް ތަމްރީނުދީފި





