
14 ވަނަ ވޯލްޑް ޒަކާތު އެންޑް ވަޤްފު ފޯރަމްގައި ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދެއް ބައިވެރިވެއްޖެ
# މޯލްޑިވްސް ޒަކާތު ހައުސް-
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޝައިޚް އިއްޒުއްދީން އަދުނާން އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީ، 13 އިން 15 އޮކްޓޫބަރު 2025 އަށް މެލޭޝިޔާގެ ކުޗިންގ، ސަރަވާކުގައި ބޭއްވޭ 14 ވަނަ ވޯލްޑް ޒަކާތު އެންޑް ވަޤްފު ފޯރަމް (ޑަބްލިއުޒެޑްޑަބްލިއުއެފް) ގެ އަހަރީ ބައްދަލުވުމާއި އިންޓަނޭޝަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ކޮންފަރެންސްގައި 29 ގައުމުގެ 100 އަށްވުރެ ގިނަ މުއައްސަސާތައް ތަމްސީލުކުރާ 500 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައިނަލްއަޤްވާމީ މަންސައަކީ، އެއްބާރުލުމާއި މަޢުލޫމާތު ޙިއްސާކުރުމާއި ދުނިޔޭގެ ޒަކާތާއި ވަޤްފުގެ އަމަލީ މަސައްކަތްތައް ކުރިއެރުވުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި އިވެންޓަކީ ސަރަވަކް އިސްލާމިކް ކައުންސިލް (މަޖްލިސް އިސްލާމް ސަރަވަކް) ގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވޭ ޙަރަކާތެކެވެ. މި އަހަރުގެ މި ފޯރަމް މި ދިމާވަނީ މެލޭޝިއާގެ އާސިއާން ޗެއަރމަންޝިޕްގެ ދުވަސްވަރާވެސް މެއެވެ. މިއަހަރުގެ ވޯލްޑް ޒާކާތު ފޯރަމްގެ ތީމަކީ "ނިއު ގްލޯބަލް ޒަކާތު އެންޑް ވަޤްފު އޯޑަރ" އެވެ. މިއީ ދުނިޔޭގެ އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އަދި ދެމެހެއްޓެނިވި، އެކުލެވޭ ތަރައްޤީ ކުރިއެރުވުމުގައި ޒަކާތާއި ވަޤްފުގެ އިތުރުވަމުންދާ މުހިންމުކަން ފާހަގަކޮށްދޭ ތީމެކެވެ.
ވޯލްޑް ޒަކާތު އެންޑް ވަޤްފު ފޯރަމް ބާއްވާތާ 14 އަހަރު ވާއިރު، މި ފޯރަމް ވަނީ އިސްލާމީ އިޖްތިމާޢީ މާލީ ދާއިރާގައި މަޝްވަރާކުރުމާއި، އައު ގޮތްތައް ހޯދުމާއި، އިސްތިރާޖީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ބައިނަލްއަޤްވާމީ މަންސައަކަށް ވެފައެވެ. މި ފޯރަމްގައި ސަރުކާރުތަކުގެ އިސްވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ޢިލްމުވެރިންނާއި އަދި މި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، ޚިޔާލު ހިއްސާކޮށް، މުޖުތަމަޢުތައް ބާރުވެރިކުރުވުމަށާއި އެންމެންގެ ފާގަތިކަން އިތުރުކުރުމަށް އަމާޒުކޮށް، ގުޅިގެން ސްޓްރެޓެޖީތައް އެކުލަވާލައެވެ.
މި މުހިންމު ބައިނަލްއަޤްވާމީ ބައްދަލުވުމުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ބައިވެރިވުމަކީ މުއައްސަސާގެ ފެންވަރު މަތިކުރުމަށާއި، ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުމަށާއި، ދިވެހިރާއްޖޭގައި ޒަކާތާއި ވަޤްފު ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދެމިގެންވާ އިލްތިޒާމެއްގެ ދަލީލެކެވެ. މިފަދަ ބައިވެރިވުންތަކުގެ ތެރެއިން، މޯލްޑިވްސް ޒަކާތު ހައުސްއިން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އިޖްތިމާޢީ ޢަދުލު އިންސާފު ޤާއިމުކުރުމާއި، ފަޤީރުކަން ނައްތާލުމާއި، މުޖުތަމަޢުގެ ލާބައާއި މަންފާ އިތުރުކުރުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޒަކާތުގެ ފައިސާ ބެލެހެއްޓުމާއި ބެހުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ޤައުމީ މުއައްސަސާއެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ މި އިދާރާއިން، ހާމަކަން ބޮޑު ގޮތެއްގައި، ޖަވާބުދާރީވަނިވި ގޮތަކަށް އަދި ހަމަހަމަކަމާއެކު އެހީ ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަދި ދިވެހިރާއްޖޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި، މުޖުތަމަޢު ބާރުވެރިކުރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި ޒަކާތު ހައުސްއިން މުހިންމު ދައުރެއް އަދާކުރެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

14 ވަނަ ވޯލްޑް ޒަކާތު އެންޑް ވަޤްފު ފޯރަމްގައި ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދެއް ބައިވެރިވެއްޖެ

މެލޭޝިޔާގެ އައި.އައި.ޔޫ.އެމް ގެ ވަފުދާއިއެކު ރާއްޖޭގެ ޒަކާތު ހައުސްއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
