
މެލޭޝިޔާގެ އައި.އައި.ޔޫ.އެމް ގެ ވަފުދާއިއެކު ރާއްޖޭގެ ޒަކާތު ހައުސްއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
# މޯލްޑިވްސް ޒަކާތު ހައުސް-
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) ގެ ރެކްޓަރ، ޕްރޮފެސަރ އެމެރިޓަސް ޑަޓުކް ޑރ. އުސްމާން ބިން ބަކަރް އާއި އެ ޔުނިވަރސިޓީގެ އިސް ބޭފުޅުންގެ ވަފުދެއް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

އައި.އައި.ޔޫ.އެމްގެ ވަފުދުގައި ރެކްޓަރ، ޕްރޮފެސަރ އެމެރިޓަސް ޑަޓުކް ޑރ. އުސްމާން ބިން ބަކަރްގެ އިތުރުން ހިމެނިވަޑައިގަތީ ޑެޕިއުޓީ ރެކްޓަރ (ސްޓޫޑެންޓް މެނޭޖްމެންޓް އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓް) ޕްރޮފެސަރ ޑަޓޯ، ޑރ. މުޙައްމަދު ފައުޒާން ނޫރުދީން، ޑެޕިއުޓީ ރެކްޓަރ (ރީސަރޗް، އިނޮވޭޝަން އެންޑް ޑިވެލޮޕްމެންޓް) ޕްރޮފެސަރ ޑރ. މުޙައްމަދު އަސްލަމް ޙަނީފް، ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސައިންސަސްގެ ޑީން ޕްރޮފެސަރ ޑރ. ޣައިރުޒަޒްމީ މަޓް ޣަނީ، އެލަމްނައި ރިލޭޝަންސް ޑިވިޜަންގެ ޑިރެކްޓަރ އިލްމިޒަތް ބިން އިސްމާޢީލް، އަދި ރެކްޓަރގެ ޚާއްޞަ އޮފިސަރ ޑރ. މުޙައްމަދު ޢަދުލީ ބިން މޫސާއެވެ.
ޒަކާތު ހައުސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝެއިޚް އިމްތިތާއު ޢައްބާސް، ސްޓޭޓް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް، ޒަކާތު ހައުސްގެ އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މޫސާ މުޢިއްޒު، ޒަކާތު ޢާމިލުން މަރްޔަމް މާޝާ މުޞްޠަފާ، ޢާއިޝަތު ޝައްމާ ޢާމިރު، އަދި ޢާއިޝަތު މަޢުރޫފް، އަދި ޒަކާތު އެވެއަރނެސް ޔުނިޓުން ޢާޝިޔާ ޞާލިޙެވެ.
ބައްދަލުވުން ފެށުނީ ޑެޕިއުޓީ މިނިސްޓަރ އިމްތިތާއު، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދިގެން އައި ގޮތާއި ޒަކާތު ހައުސްގެ އިދާރީ އޮނިގަނޑު އަދި ހިންގުމުގެ ނިޒާމުތަކާ ބެހޭ ތަފްޞީލީ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމާއެކުގައެވެ. އެ ޕްރެޒެންޓޭޝަނުގައި ވަނީ ޒަކާތު ހައުސްގެ ފަރާތުން ހިންގަމުންދާ އެހީގެ ޕްރޮގްރާމްތައް، ޒަކާތުގެ އިޖުރާއާތުތައް އަދި ދިވެހިރާއްޖޭގައި ޒަކާތް ބަލައިގަތުމާ ބެހުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ރާވާފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލެއްވިއެވެ.
ޕްރެޒެންޓޭޝަނަށްފަހު، ޕްރޮފެސަރ އެމެރިޓަސް ޑަޓުކް ޑރ. އުސްމާން ބިން ބަކަރް، ކުރިން ސޮއިކުރެވުނު އެމް.އޯ.ޔޫ އާ އެއްގޮތްވާ ގޮތުގެމަތިން، ޒަކާތު ސްކޮލަރޝިޕް، ދިރާސާ، ތަމްރީނު އަދި ދިވެހިރާއްޖޭގެ ޒަކާތުގެ އަމަލީ މަސައްކަތްތައް ރަނގަޅުކުރުމަށް ޒަމާނީ ޒަކާތު އިންސްޓިޓިއުޓެއް އުފެއްދުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ޒަކާތު ސްކޮލަރޝިޕްގެ ދަށުން އަހަރަކު 13 ދަރިވަރަކަށް އައިއައިޔޫއެމްގެ އަންޑަރ ގްރެޖުއެޓް އަދި ޕޯސްޓް ގްރެޖުއެޓް ޕްރޮގްރާމްތަކުން ފުރުސަތު ދިނުމަށް އެކުލަވާލާފައިވާ ޕްރޮޕޯޒަލެއް ހުށަހެޅުއްވިއެވެ.
ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކުރެވުނީ 29 އޭޕްރީލް 2025 ގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެމްއޯޔޫގައިވާ ކަންކަން ތަންފީޒުކުރުމާއި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ރަނގަޅުކުރުމުގެ ދިރާސާތައް ހެދުމާ، އަދި ޚާއްޞަކޮށް ޒަކާތު މެނޭޖްމަންޓްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރުމާ ގުޅޭގޮތުން ޒަކާތު ހައުސްގެ މުވައްޒަފުންގެ ހިންގުމުގެ ޤާބިލުކަމާއި ގަވަރނަންސް އިތުރުކުރުމަށް އައި.އައި.ޔޫ.އެމްގައި ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ރޭވުމަށެވެ.
ބައްދަލުވުމަށްފަހު، ޒަކާތު ހައުސްއިން އައި.އައި.ޔޫ.އެމްއަށް ވަނީ ދިވެހިރާއްޖޭގައި ޒަކާތު މެނޭޖްކުރުމުގެ ގައިޑެއްގެ ގޮތުގައި ބޭނުންކުރެވޭ، 'ޒަކާތް ނެރުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް' ފޮތުގެ އިނގިރޭސި ތަރުޖަމާ ހަދިޔާކޮށްފައެވެ. އަދި ދެ ފަރާތުގެ ބަދަހި ވަމުންދާ ގުޅުމުގެ ރަމްޒެއްގެ ގޮތުން އައި.އައި.ޔޫ.އެމްއިން ޒަކާތު ހައުސްއަށްވެސް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

14 ވަނަ ވޯލްޑް ޒަކާތު އެންޑް ވަޤްފު ފޯރަމްގައި ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދެއް ބައިވެރިވެއްޖެ

މެލޭޝިޔާގެ އައި.އައި.ޔޫ.އެމް ގެ ވަފުދާއިއެކު ރާއްޖޭގެ ޒަކާތު ހައުސްއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
