
-
ހދ. ނެއްލައިދޫ މަގު ހެދުމުގެ މަޝްރޫޢުއާއި ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫޢު ހަވާލުކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނެއްލައިދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، 3086 މީޓަރުގެ ދިގު މަގެއްގައި 15,265 މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި 3,406 މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ 58.19 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫއެކެވެ.
ނެއްލައިދޫގައި ޖެޓީއެއް ހެދުމަށް އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫޢުގެ ދަށުން 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވަނީ ނިންމާފައި އެވެ. މި މަޝްރޫޢަކީ 6.94 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.