
ގއ ވިލިނގިލި ބޭރުން ޔޮޓެއް ހުއްޓިގެން ކޯސްޓްގާޑް ހަރަކާތްތެރިވަނީ
EaZj5QxU8AIrFjL
ގއ. ވިލިނގިލި ބޭރުން ދަތުރުކުރަމުން ދިޔަ ޔޮޓެއް ހުއްޓިގެން އެމްއެންޑީއެފް ގެ ކޯސްޓްގާޑް ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 14:54 ގައެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިސަރ ކެޕްޓަން އާޒިމް މައުލޫމާތު ދެއްވި ގޮތުގައި ބޭރު 2 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ މި ޔޮޓް ހުއްޓިފައިވަނީ ގއ ވިލިނގިލި އިރުން 25 މޭލު ބޭރުންނެވެ. އަދި މި ޔޮޓް ހުއްޓިފައިވަނީ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް އެމް އެންޑީއެފް އިން ވަނީ ބުނެފައެވެ.
މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝަހީދު އަލީ އުޅަނދު ދަނީ އެ ޔޮޓް އޮޔާދާ ސަރަހައްދު ބަލަމުން ކަމަށާއި، މޫސުންގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކޯސްޓްގާޑަށް އެސަރަހައްދަށް ފޯރާނެ ކަމަށް ލަފާކުރެވެނީ މިރޭ 22:30 ގައި ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރާ ފަރާތަތަކަށް މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.