logoEN
Sto top
އަހަރުގެ ފުރަތަމަ ތިންމަހުގެ ވިހާމަރުވާގެ ތަފާސްހިސާބުތައް އާންމުކޮށްފި

އަހަރުގެ ފުރަތަމަ ތިންމަހުގެ ވިހާމަރުވާގެ ތަފާސްހިސާބުތައް އާންމުކޮށްފި

އަހުމަދު ޝުރާއު

logo

8/21/2025, 1:15:24 PM

# ހެލްތު މިނިސްޓްރީ

-

މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ތައްޔާރުކުރެވުނު 2025 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ރަސްމީކޮށް މިއަދު އާއްމުކޮށްފިއެވެ.

Wamco

މި ބުލެޓިން އާއްމުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހީމްއެވެ.

މި ބުލެޓިންނަކީ ދިވެހިރާއްޖޭގައި ވިހާމަރުވާ ތަފާސްހިސާބު އެއަހަރެއްގެ ތެރޭގައި އާއްމުކުރެވިގެންދާ ފުރަތަމަ ފަހަރެވެ. މި ބުލެޓިން އެކުލަވާލާފައިވަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ތިންމަހުގެ ވިހާމަރުވާގެ ތަފާސްހިސާބުގެ މައްޗަށެވެ. ބުލެޓިން ޝާއިއުކުރުމުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަން ސިސްޓަމް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ވިހާމަރުވާގެ ތަފާސްހިސާބުގެ މައުލޫމާތުތައް ވަގުތުން ވަގުތަށް ސައްހަކަމާއިއެކު ކޮންމެ ތިންމަހުން އެއްމަހުން އާއްމުކުރަމުންގެންދިއުމެވެ. މިއަދު އާއްމުކުރެވިގެންމިދާ ބުލެޓިންނަކީ ކުރިއަށް އޮތްތަނުގައި އިތުރު ފުރިހަމަ ކަމާއި އެކު، އެއްކުއަރޓައާއި އަނެއް ކުއަރޓާ އަޅާކިޔާ، މީހުން މަރުވާ މައިގަނޑު ސަބަބުތައް ހިމެނުމަށްފަހު ނެރުމަށް ގަސްތުކުރެވިފައިވާ ބުލެޓިންނެކެވެ.

މި ބުލެޓިންގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން ވިހާފައިވާއިރު މީގެ ތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. ހަމަ މި މުއްދަތުގައި ޖުމްލަ 374 މީހުން މަރުވެފައިވާއިރު، މި އަދަދުގެ 63 އިންސައްތަ އަކީ ފިރިހެނުންނެވެ. އަދި މަރުވި މީހުންގެ އުމުރުފުރައަށް ބަލާއިރު ގިނައީ ދޮށީ އުމުރުފުރާގެ މީހުންނެވެ.

މި ތަފާސްހިސާބުތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC