
ފެރިދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމާއި ޕިކްނިކް އައިލެންޑުގެ މަޝްރޫއުވެސް އެމްޓީސީސީއަށް!
# އެމްޓީސީސީ-
އއ ފެރިދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއުއާއި ޕިކްނިކް އައިލެންޑު ތަރައްޤީކުރުމުގެ މަޝްރޫއުވެސް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މިދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
ހެލްތު ސެންޓަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަޙްމަދު ސަޢުދީއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 10,950,000.00 ރުފިޔާއަށެވެ.
ފެރިދޫ ޕިކްނިކް އައިލެންޑްގެ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަޙްމަދު ސަޢުދީއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ 40،934،427.84 ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމައި ސަރުކާރާއި ހަވާލުކުރާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 1.9 ހެކްޓަރުގެ ބިންހިއްކައި، ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓަކާއި، 40 މީޓަރުގެ ދެ ފައިކަށި އަދި، 60 މީޓަރުގެ ފައިކަށްޓެއް ލެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ދެމަޝްރޫއުގެ އިތުރުންވެސް ފެރިދޫ ދޯނި އެހެލާ ސަރަހައްދުގެ މަޝްރޫއުއާއި ފެރިދޫގައި ހުންނަ އއ އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުމުގެ މަޝްރޫއުވެސް ސަރުކާރުން ވަނީ ކޮންޓްރެކްޓަރުންނާއި މިއަދު ހަވާލުކޮށްފައި އެވެ.