logoEN
Sto top
ވީއައިއޭގެ އައު ޓާމިނަލް: އައު ބެގޭޖް ހޭންޑްލިން ސިސްޓަމުން މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކުރެވޭނެ!

ވީއައިއޭގެ އައު ޓާމިނަލް: އައު ބެގޭޖް ހޭންޑްލިން ސިސްޓަމުން މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކުރެވޭނެ!

އަހުމަދު ޝުރާއު

logo

7/6/2025, 4:29:38 PM

# ވީއައިއޭ

ވީއައިއޭގެ އައު އެރައިވަލް ހޯލް -

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާނެއެވެ. މި ޓާމިނަލް ވެގެންދާނީ ރާއްޖޭގެ މައި ވައިގެ ބަނދަރު ދުނިޔޭގެ ފެންވަރުގެ ވައިގެ ބަދަރަކަށް ބަދަލުކޮށްލާނެ ތަފާތު ގިނަ ބަދަލުތަކެއް ފެނިގެންދާނެ ޓާމިނަލަށެވެ.

Wamco

ވަކީން ޚާއްސަކޮށް މި ޓާމިނަލްގައި ބޭނުންކުރަން ފަށާ ބެގޭޖް ހޭންޑްލިން ސިސްޓަމްއަކީ ދުނިޔޭގެ އެންމެ ބާރު ބޮޑު އެއާޕޯޓުތަކުގައި ބޭނުންކުރާ ފަދަ ސިސްޓަމެކެވެ. މި ސިސްޓަމާއި ގުޅޭ މައުލޫމާތު ހާމަކުރަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ މިއީ މެލޭޝިއާގެ ކުއަލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމެއް ކަމަށެވެ.

އެގޮތުން މި ސިސްޓަމާއި އެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރާނެއެވެ. އަދި ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެކަންވެސް ވަނީ އެކުންފުނީން ހާމަކޮށްފައި އެވެ. މީގެ އިތުރުން އައު ބެގޭޖް ހޭންޑަލިންގ ސިސްޓަމްވެގެންދާނީ މީގެ ކުރީން އެއާޕޯޓުން ބޭނުންކުރަމުން އައި މެނުއަލް އެތައް ކަމެއް އެޓޮމޭޓް ކުރެވިގެންދާނެ ސިސްޓެމެކެވެ. އެމްއޭސީއެލުން ހާމަކުރާ ގޮތުގައި މުޅިން އަލަން ބޭނުންކުރާ މި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކްކޮށެވެ. އަދި މި ސިސްޓަމްއިން ގަޑިއިރެއް ތެރޭ 1200 ދާގީނާ ސްކްރީން ކުރެވިގެންދާއިރު މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކުރެވޭނެއެވެ.

undefined

މިހާރު ބޭނުންކުރާ ޓާމިނަލްގައި ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހެއެވެ. އަދި އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލިގެންދާކަންވެސް އެމްއޭސީއެލުން ފާހަގަކުރެއެވެ. މީގެ އިތުރުން މިހާރު ބޭނުންކުރާ ސިސްޓަމްގައި ދާގީނާ ސްކޭން ކުރުމުގައި އޮންނަނީ އެންމެ ސެކިއުރިޓީ މަރުހަލާއެކެވެ.

ނަމަވެސް އައު ޓާމިނަލާއިއެކު މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެ އެވެ. އެގޮތުން ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

މީގެ އިތުރުން އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ބޭނުންކުރެވިގެންދާއިރު ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެއެވެ. މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވެގެންދާނެކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.

އާ ޓާމިނަލްގައި ދާގީނާ ހޭންޑްލިން ސިސްޓަމުން ސްކްރީން ކުރާ ތިން މަރުހަލާ

ފުރަތަމަ މަރުހަލާ:

  1. ޗެކިން ވުމަށްފަހު ދޫކޮށްލާ ދާގީނާ ފުރަތަމަ ދާނީ މި މަރުހަލާއަށް.
  2. މި މަރުހަލާގައި ދާގީނާތަކުގެ ސްކްރީންތައް ކުރިއަށްދާނީ އޮޓަމެޓިކް ސިސްޓަމްތަކަކުން
  3. އެކަމަށްޓަކައި ބޭނުންކުރާނީ އެންމެ ފަހުގެ އީޑީއެސް (ސީޓީއެކްސް) ކެޕޭސިޓީގެ 4 މެޝިން.
  4. މިއީ ތްރީ-ޑީކޮށް ދާގީނާ ސްކްރީން ކުރާ މެޝިންތަކެއް، މިއީ ރާއްޖޭގައި މިފަދަ މެޝިންތަކެއް ބޭނުންކުރާ ފުރަތަމަ ފަހަރު
  5. މި މަރުހަލާ އިން އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދާގީނާ ދެން ފޮނުވާލާނީ 2 ވަނަ މަރުހަލާއަށް

2 ވަނަ މަރުހަލާ:

  1. މިއީ އޮޓަމޭޓެޑް މެޝިނުން ފާހަގަވި ކަންތައް އިތުރަށް ކަށަވަރު ކުރުމަށް ފޮނުވާ މަރުހަލާ
  2. މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ އޮފިސަރުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން
  3. އެގޮތުން އެވްސެކޮމްގެ އޮފިސަރުންނަށް ހާއްސަ 18 މޭޒާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ހާއްސަ 22 މޭޒު ހުންނާނެ
  4. ނަމަވެސް އެ އޮފިސަރުން ދާގީނާ ސްކްރީން ކުރުމުގެ މަސައްކަތް ކުރާނީ ސިސްޓަމެއް މެދުވެރިކޮށް
  5. މި މަރުހަލާ އިން އެއްވެސް މައްސަލައެއް ފާހަގަނުވެއްޖެ ނަމަ ދާގީނާ އަނބުރާ އާންމު ރޫޓަށް ފޮނުވާލެވޭނެ. މައްސަލައެއް ފާހަގަވެއްޖެ ނަމަ ދާގީނާ ފޮނުވާލާނީ ތިންވަނަ އަދި އެންމެ ފަހު މަރުހަލާއަށް

3 ވަނަ މަރުހަލާ:

  1. މިއީ އާ ޓާމިނަލްގެ ދާގީނާ ހޭންޑްލިން ސިސްޓަމުން ދާގީނާ ސްކްރީން ކުރާނެ އެންމެ ފަހު މަރުހަލާ
  2. މި މަރުހަލާގައިވެސް ދާގީނާ ސްކްރީން ކުރާނީ އެވްސެކޮމްގެ އޮފިސަރުން
  3. މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ ޑުއަލް ވިއު ސްކްރީނިން މެޝިންތަކުން. މިއީ މިހާރުވެސް ބޭނުންކުރާ އަޔާޓާ ސްޓެންޑަޑްގެ މެޝިންތަކެއް
  4. އެކަމަށްޓަކައި 6 ސްޓޭޝަން ހުންނާނެ
  5. މި މަރުހަލާގައި ދާގީނާ އިން މަތިންދާބޯޓަށް އަރުވަން މަނާ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ ދާގީނާ ހުޅުވާނެ. އެކަން ކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ގެންގޮސް. ދާގީނާއެއް ހުޅުވާނީ އެ ދާގީނާއެއް ނިސްބަތްވާ މީހަކު ގެނެސް އޭނާގެ ހާޒިރުގައި. އަދި ދާގީނާ އިން ނަގަންޖެހޭ އެއްޗެއް ފާހަގަވެއްޖެ ނަމަ، އެ އެއްޗެއް ނެގުމަށްފަހު ދާގީނާ ލޯޑް ކުރަން ފޮނުވާލެވޭނެ

ފުރާ މީހުންގެ އިތުރުން ރާއްޖެ އަންނަ ފަރާތްތަކަށްވެސް އަލަށް ބޭނުންކުރަން ފަށާ ބެގޭޖް ހޭންޑަލިންގ ސިސްޓަމްގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެގޮތުން މިހާރު ބޭނުންކުރަމުން އަންނަ އިންޓަނޭޝަނަލް ޓާމިނަލްގައި ދާގީނާ ނެރެން އިންނަނީ 4 ބެލްޓެވެ. މިއާއިއެކު ވައިގެ މަގުން ރާއްޖެ އަންނަ ފަސިންޖަރުން އިމިގްރޭޝަން މަރުހަލާ ނިމި، ދާގީނާ އަންނަން ދެން ގިނަ ވަގުތު މަޑުކުރަން ޖެހުމަކީ ބޮޑު ބުރައަކާއި ޝަކުވާއެއް އެކުންފުންޏަށް ޒަމާނުއްސުރެ ލިބެމުންދާ ބޮޑު މައްސަލައެކެވެ. ހާއްސަކޮށް ގިނަ ފްލައިޓުތަކެއް އެއްފަހަރާ އަތުވެއްޖެ ނަމަ އެރައިވަލް ހޯލް ފުރި ތޮއްޖެހުމަކީ ދިމާވާ ބޮޑު ދައްޗެއްގެ ގޮތުގައި އެމްއޭސީއެލުން ފާހަގަކުރެއެވެ.

undefined

އައު ޓާމިނަލްއާއިއެކު އެކަމަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ. އެގޮތުން އެކަން ހައްލުކުރުމަށް އާ ޓާމިނަލުގައި ދާގީނާ ނެރެން 6 ބެލްޓް ހުންނަ އިރު ދާގީނާ ސްކޭން ކުރުމަށްފަހު ނެރުމަށް ބޭނުން ކުރާނީ ހައި ސްޕީޑް މެޝިންތަކެކެވެ. މިކަމުގެ ސަބަބުން ދާގީނާ ލިބެންދެން މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. ވަކިން ޚާސްކޮށް އާ ޓާމިނަލުގައި އެރައިވަލް ހޯލް ވެގެންދާނީ ބޮޑު ހޯލަކަށް ކަން ފާހަގަކޮށް އެމްއޭސީއެލުން ވަނީ މިކަމުގެ ސަބަބުން ތޮއްޖެހުމުގެ މައްސަަލައަށް ހައްލު ލިބިގެންދާނެކަންވެސް ފާހަގަކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside