
އެމްއައިބީ ކަޓުވާލުމަށްފަހު އެމްޓީސީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# ދިވެހި ކުޅިވަރު # ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025އެމްޓީސީސީ އާއި އެމްއައިބީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް ސީގައި އެމްޓީސީސީ އާއި އެމްއައިބީ ވާދަކުރި މެޗު 2-0 ހެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްޓީސީސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެމްއައިބީ ފުރަތަަމަ ކުޅުނު ދެމެޗުގައި ވެމްކޯ އަދި ސްޓެލްކޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އެމްޓީސީސީގެ ފުރަތަމަ މެޗުގައި ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ވެމްކޯ އަތުން ބަލިވިއިރު ދެވަނަ މެޗުގައި ސްޓެލްކޯ އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ދެޓީމަށް ވެސް މޮޅުވުން މަޖުބޫރު މިމެޗުގެ ފުރަތަމަ ސެޓް 10 ޕޮއިންޓްގެ ލީޑަކާއެކު 10-20 ގެ ނަތީޖާއަކުން އެމްޓީސީސީ އިން ކާމިޔާބުކުރިއިރު، ދެވަަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 16 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 23-07 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޓީސީސީގެ ޒުހާ ހުސެއިން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި އެމްޓީސީސީ އޮތްއިރު، ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމުގެ ތެރޭގައި ހިމެނި އެޓީމުން ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި މިމެޗުން ބަލިވި އެމްއައިބީ އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ
23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު 12 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ވަން ގޭމް ގުޅިގެން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.
މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.