
ސްޓެލްކޯ އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ވެމްކޯއަށް
# ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރުސްޓެލްކޯ އާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް ސީގައި މިރޭ ސްޓެލްކޯ އާއި ވެމްކޯ ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެމްކޯ އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެމްކޯ ކުޅުނު ފުރަތަމަ ދެމެޗުގައި އެމްއައިބީ އަދި އެމްޓީސީސީ އަތުން ވެސް 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސްޓެލްކޯގެ ފުރަތަމަ ދެމެޗުގައި އެޓީމުން ވެސް ވަނީ އެމްއައިބީ އަދި އެމްޓީސީސީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 16-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެމްކޯ އިންމެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 12-15 ގެ ނަތީޖާއަކުން މޮޅުވެ ސްޓެލްކޯ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ކުޅުނު ތިންވަނަ ސެޓް 4-5 ގެ ނަތީޖާއަކުން މޮޅުވެ ވެމްކޯ އިން ވަނީ ދެ ސެޓް އެއްސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖުނާ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވެމްކޯ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ސްޓެލްކޯ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމަށް ވެސް ވަނީ ކުއާޓާގެ ފުރުސަތު ލިބިފައެވެ.
23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު 12 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ވަން ގޭމް ގުޅިގެން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.
މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.