
ފޮޓޯ : ޕީއެސްއެމް
އައްޑޫއިން ޒުވާނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 6:00 ގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި މީހަކު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖޭގެ ނޫހެއް ކަމަށްވާ " މިހާރު " ނޫހުން މަރުވި ޒުވާނާގެ އާއިލާއާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އައްޑޫއަށް އެޒުވާނާގެ ރައްޓެހިންތަކެއް ދިޔުމާއި ގުޅިގެން އޭނާ އުޅުނީ އެރައްޓެހިންނާއި އެކުގައި އެވެ. އެގޮތުން އައްޑޫއަށް ދިޔަ ރައްޓެހިން ރޭ ކޮޓަރިއެއް ނެގި ކަމަށާއި އެމީހުން ތިބި ހޮޓަރުގެ ސީސީޓީވީ ކެމެރާ ފުޓޭޖުން ރޭ ފަތިހު، މަރުވި ޒުވާނާ ކޮނޑަށްލައިގެން ތިން މީހުން ނުކުމެގެން ދާތަން ފެންނަކަންވެސް އެނގިފައިވާ ކަމަށް ވެސް އާއިލާއިން ވަނީ "މިހާރު" ނޫހަށް މައުލޫމާތު ދީފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި ޒުވާނާއަކީ އައްޑޫގެ ވެމްކޯގައި މަސައްކަތް ކުރާ އިބްރާހިމް އަމީން ހަސަން ދީދީ އެވެ.