
--
ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 560އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.

ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަފާތު އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްވެސް އެ ޚިދުމަތުން އަންނަނީ ކުރައްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފުލުހުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެއް ނައްތާލާފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 568 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ނައްތާލާފައިވަނީ 2025 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ އުޅަނދުތަކެވެ.
ނިމުނު 2024ވަނަ އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެއެވެ. ފުލުހުން ވިދާޅުވީ މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އަދި 13،562 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަމާޒަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކު އުފެދިގެން ދިއުންކަންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.