logoEN
Sto top
ޙައްޖު 1446: ދިވެހި ޙައްޖުވެރިންނަށް ތާރީޚީ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރެއް!

ޙައްޖު 1446: ދިވެހި ޙައްޖުވެރިންނަށް ތާރީޚީ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރެއް!

އަހުމަދު ޝުރާއު

logo

5/26/2025, 5:24:05 PM

# އިސްލާމިކް މިނިސްޓްރީ

--

1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހި ޙައްޖުވެރިން މިއަދު ފުރުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ ޙައްޖަކީ ތާރީޚުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރެކެވެ. ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިރުޝާދާއެކު ކަމާއިބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް މިއަހަރުވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

Wamco

މި ރިޕޯޓުގައި މި އަލިއަޅުވާލަނީ ޙައްޖުގެ ކަންކަމަށް އައިސްފައިވާ ބައެއް މުހިއްމު ބަދަލުތަކާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމަށެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުން

މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ޙައްޖުވެރިންގެ ދަތުރަކީ ލުއި ފަސޭހަ ދަތުރަކަށް ހެދުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ މުހިއްމު މަޝްރޫޢުއެކެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ސީދާ އިރުޝާދުފުޅާއެކު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ޤައުމުތައް ހިމެނުމަށް ސަޢުދީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ހިމެނުމާއެކު ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. ދިވެހި ޙައްޖުވެރިން ރާއްޖެއިން ފުރާއިރު ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ފުރިހަމަކުރެވިފައިވާއިރު، ޙައްޖުވެރިންގެ ފޮށިތައް މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުން މައްކާ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެއެވެ.

މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ބަދަލު ކުރުން

ދިވެހި ޙައްޖުވެރިން، ޙައްޖުގެ މަޝާޢިރުތަކުގައި ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ރައީސްގެ ލަފާފުޅާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މިނާއާއި ޢަރަފާތުގައި މީގެ ކުރިން ނުލިބޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެ އަހަރެކެވެ. އެގޮތުން މިނާގެ ކެޓަގަރީ ސީ ކެޓަގަރީން ބީ ކެޓަގަރީއަށް ބަދަލުކުރެވުމާއެކު، ދިވެހި ޙައްޖުވެރިން މިނާ އަދި ޢަރަފާތުގައި ތިއްބަވާ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ބެހެއްޓިފައިވާއިރު، ދިވެހި ޙައްޖުވެރިން ތިއްބަވާ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީނެއްވެސް މިއަހަރު ނުތިބޭނެއެވެ. މީގެ އިތުރުން ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިއްބަވާ ފޭލިގެތަކުގައިވެސް ކޮންމެ ޙާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އަހަރުތަކެއް ފަހުން ޤައުމީ އެއާލައިނުގައި ދިވެހި ޙައްޖުވެރިން ސަޢުދީއަށް

މިއަހަރުގެ ޙައްޖާއި ގުޅޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއާލައިން، މޯލްޑިވިއަންގައި ޙައްޖުވެރިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ އަހަރެކެވެ. މިއީ ޤައުމީ އެއާލައިން ތަަރައްޤީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ޤައުމީ އެއާލައިނަށް ވައިޑްބޮޑީ މަތިންދާބޯޓެއް ގެނައުމާއެކު ހަމަޖެހިގެންދާ އިންތިޒާމެކެެވެ. އެގޮތުން ދިވެހި ޙައްޖުވެރިންގެ 4 ފްލައިޓުގެ ތެރެއިން 2 ފްލައިޓުގެ ޙައްޖުވެރިން ދަތުރުކުރާނީ މޯލްޑިވިއަންގައެވެ. މޯލްޑިވިއަންގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އަދި 29 ވަނަ ދުވަހުއެވެ.

ސަޢުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް

ރާއްޖޭގެ ޙައްޖުވެރިންނަށް ޚާއްސަކޮށް ރަސްމީކޮށް ކުލިނިކެއް ހެދުމުގެ ހުއްދަ ސަޢުދީ ސަރުކާރުން ވަނީ ދިވެހި ޙައްޖު މިޝަންއަށް މިއަހަރު ދެއްވާފައެވެ.

ދިވެހި ޙާޖީންނަށް ޚާއްސަކޮށް ޙާޖީން ތިބޭ ހޮޓަލުގައި މި ކްލިނިކް ޤާއިމް ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަކޮށްފައިވާއިރު، މި ކްލިނިކް ޤާއިމް ކޮށްފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާއި ގުޅިގެންނެވެ. ދިވެހި ޙައްޖުވެރިން ތިބޭ ހޮޓެލުގައި ޤާއިމުކޮށްފައިވާ މި ކްލިނިކުގައި ބޭސްފަރުވާގެ އިންތިޒާމްތައް ފުރިހަމަ ކުރެވޭނެ ހެން ހޮސްޕިޓަލު އެނދުވެސް ބަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މިގޮތަށް ސަޢުދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކާއި ގުޅިގެން، އަދި ރަސްމީކޮށް ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ކްލިނިކެއް ހުޅިވިގެންދާ ފުރަތަމަ ފަހަރެވެ.

ޙައްޖުވެރިންގެ މަދީނާ ދަތުރު ހައި ސްޕީޑް ޓްރައިންގައި

މިއަހަރުގެ ޙައްޖުގައި ދިވެހި ޙައްޖުވެރިންނަށް މުޅިން އަލަށްދޭ ޚިދުމަތެއްގެ ގޮތުގައި ޙައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑު ޓްރެއިންގައި ކުރާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މިކަން އިޢުލާން ކުރެއްވީ މިއަދު މައްކާ ރުޓޫ އިނީޝިއޭޓިވް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ޙައްޖުވެރިންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

ޙައްޖުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް

ދިވެހިރާއްޖެއިން ޙައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލެއް އެކުލަވާލާ މިއަހަރު ގެޒެޓުކުރެވިފައިވާއިރު މި އުސޫލާއެކު ޙައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމާއި، ޙައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޙައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ދިވެހި ރައްޔިތުން ހައްޖަށް ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމާއި ޙައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސިޔާސަތަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެއީ:• އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން• ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.• ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ (ޙައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުޞަތު ދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި.• ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 (ފަހެއް) އަހަރު ވެފައިވާނަމަ.

ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޙައްޖުވެރިންގެ ދަތުރަކީ ފަސޭހަ ދަތުރަކަށް ހެދުމަށް އަދުގެ ސަރުކާރުން، ރައީސުލްޖުމުޙޫރިއްޔާގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާ މިއަހަރުވެސް މިވަނީ ފެންނަން ފަށާފައެވެ. މިގޮތުން މިއަހަރަކީ ދިވެހި ޙައްޖުވެރިން މިހާތަނަށް ދެކޭނެ އެންމެ ފުރިހަމަ އަހަރުކަމަށް ހެދުމަށް ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside