
ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއް ނެތް: ށ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް!
# ބީއެމްއެލް--
ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ށ. އަތޮޅުގެ 10 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ތަޢާރަފުކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މި މަޝްރޫއަކީ ކަސްޓަމަރުންގެ އަސާސީ ބޭންކިންގ ޚިދުމަތްތައް، ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގޭ މުހިންމު މަޝްރޫއެއް ކަމަށް އަލިއަޅުއްވާލައްވައިފައެވެ.
" މި މަސައްކަތް މިހާ ހަލުވި ސްޕީޑޭއްގައި ގެންދެވޭކަމީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް. މި އަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި އަޅުގަނޑުމެން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ގާއިމުކޮށްފިން. މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގައި ތިބެގެން ޒަރޫރީ ބޭންކިންގެ ވަސީލަތްތައް ހޯދޭނެ އޭޓީއެމް ގާއިމު ކުރުމަށް އަޅުގަނޑުމެންގެ ޓީމުން މި ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރަމުން މި ދަނީ ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ނިޒާމެއް ގާއިމުކުރުމުގެ މަގްސަދުގައި." ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ އޭޓީއެމް ވިއުގަ ފުޅާކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލައްވައިފައެވެ. "ރަށްރަށުގެ ކަސްޓަމަރުންގެ މާލީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއަހަރުގެ މިހާތަނަށް އަޅުގަނޑުމެންގ އަތޮޅުތެރޭ ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވޭ. މި އަދަދުންވެސް އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މި ޚިދުމަތަކީ ކިހާ މުހިންމު ޚިދުމަތެއް ކަން ވަރަށް ބޮޑަށް ހާމަވެގެންދޭ." ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 133 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި

ބީއެމްއެލުން މަސްވެރިންނަށް ފަސޭހައިން ފައިނޭންސިންގއަށް އެދި ހުށަހެޅޭ "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި

ޕޭމަންޓު ސޮލިއުޝަންތައް އިތުރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލްއިން އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާއިއެކު ދެ އެއްބަސްވުމެއް!





