
އާރަށަށް ކުރެއްވި ދަތުރުތަކާއި ފަރިއްކުޅުއްވުމަށް ކުރެއްވި ހަރަދުތައް ރައީސް އަމިއްލަފުޅަށް ހާމަކުރައްވައިފި
# ރައީސް މުއިއްޒު--
ފާއިތުވި 2024 ވަނަ އަހަރާއި މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އާރަށަށް ކުރެއްވި ދަތުރުތަކާއި ރިޔާސީ ގެކޮޅުގައި ފަރިއްކުޅުއްވުމަށް ކުރެއްވި ހަރަދުތައް ރައީސް ޑރ މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ހާމަކުރައްވައިފި އެވެ.

ރައީސް މިމައުލޫމާތު ހާމަކުރެއްވީ މިއަދުގެ 10:00 އިން ފެށިގެން މިވަގުތާއި ހަމައަށްވެސް ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އާރަށަށް ވަޑައިގެންނެވި އަދަދާއި ރިޔާސީ ގެކޮޅު، މުލިއާގޭގައި ފަރިއްކުޅުއްވުމަށް ކުރައްވާ ހަރުދަތަކާއި ގުޅޭގޮތުން އެމައުލޫމާތު ހޯދުމަށް ނޫސްވެރިން މީގެ ކުރިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި އެވެ. ނަމަވެސް އެކަމާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް އާރަށް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވާ ޑިފެންސް މިނިސްޓްރީއާއި މުލިއާގޭގެ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައި އެވެ.
ނަމަވެސް މިރޭ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސްވަނީ އެކަމުގެ ތަފްސީލްއަށް ވަރަށް ފުޅާކޮށް ހާމަކުރައްވާފައި އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ފުޓްބޯޅަ ކުޅުއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އާރަށަކީ ފުޓްސަލް ދަނޑެއް އޮންނަ ރަށެއް ކަމަށްވުމުން އެ ރަށަށް އެންމެ ގިނައިން ވަޑައިގަންނަވަނީ ފުޓްބޯޅަ ކުޅުއްވަން ކަމަށެވެ. އަދި އެރަށަކީ ގާނޫނަކުން ކަނޑައަޅާފައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ބޭނުންކުރަން އޮންނަ ރަށެއް ކަމުން އެރަށަށް ފުޓްބޯޅަ ކުޅުމަށާއި އާއިލާއި އެކު ވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އެ މަނިކުފާނު މައުލޫމާތު ސާފުކޮށްދެއްވުމަށް އެމްއެންޑީއެފްގެ ފަރާތުން ތަފާސްހިސާބުތައް ހޯއްދެވި ކަމަށާއި އެގޮތުން މިއަދާ ހަމައަށް އެ މަނިކުފާނު އާރަށަށް ވަޑައިގެންފައި ވަނީ 116 ފަހަރު ކަމަށެވެ.
އޭގެ ތެރެއިން 85 ފަހަރު އާރަށަށް ވަޑައިގަތީ ފުޓްބޯޅަ ކުޅުއްވަން ކަމަށާއި އެގޮތަށް ހަމައެކަނި ފުޓްބޯޅަ ކުޅެން ވަޑައިގަންނަވާއިރު އެކަމަށް ވާނީ ގާތްގަނޑަކަށް ތިން ގަޑިއިރު ކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ. އަދި އާއިލާއާއި އެކު އެރަށަށް ވަޑައިގެންނެވީ 31 ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ދަތުރުފުޅު ކުރައްވާ ލޯންޗުކޮޅާއި އެކު އިތުރު ދެ ސެކިއުރިޓީ ލޯންޗުވެސް އާރަށަށް ދަތުރުކުރާ ކަމަށެވެ.
މިގޮތުން އެ ދަތުރުތަކުގައި ތެލުގެ ޚަރަދަށް އެރި މިންވަރު ހާމަކުރައްވައި ރައީސް ވިދާޅުވީ 116 ދަތުރަށް ، މިއަދާ ހަމައަށް ޚަރަދުވެފައި ވަނީ 844،635.60 ރުފިޔާ ކަމަށެވެ.
މުލިއާގޭގެ ފަރިއްކުޅުއްވުމަށް ހޭދަވާ ހަރުދުތައް ހާމަކުރައްވައި ރައީސް ވިދާޅުވީ 2024 ވަނަ އަހަރު މުލިއާގޭ ކެއުމަށް ޚަރަދުވެފައި ވަނީ 565،703.93 ރުފިޔާ ކަމަށެވެ. އަދި މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް މުލިއާގެއަށް ހަރަދުވެފައިވަނީ 175،564.17 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ވެރިއަކު މިފަދަ މައުލޫމާތުތަކެއް މިހާ ހާމަކަން ބޮޑުކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް، "ވާނުވާ ބަންދު" މައްސަލަ ހައްލުކޮށްދޭނަން - ރައީސް

ރާއްޖެއަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމު - އޯއައިސީގެ ސެކެޓްރީ ޖެނެއަލް

ތަސައްވުރަކީ، ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުން!
