
—
ހުވަދު އަތޮޅު އުތުރުބުރީގައި އިތުރު ދެ އެއާޕޯޓު އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން ހިމަނާފައިވަނީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންނެވި އިސްލާހުގައި އެވެ.
އެގޮތުން މި އިސްލާޙުތައް ހާމަކުރައްވައި، އެމަނިކުފާނު މިއަދު ޢާންމު ކުރެއްވި ނަންބަރު 6/2025 ޤަރާރުގައި ވަނީ، މި އިސްލާޙު ގެންނަވާފައިވަނީ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތްގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.
މި ޤަރާރުގެ ޖަދުވަލުގައި، މަތީގައި ބަޔާންވެދިޔަ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވާފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ.
މިގޮތުން ހިމަނާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހުވަދު އަތޮޅު އުތުރުބުރީގައި ދެވަނަ އެއާޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު ވަނީ ހިމަނާފައި އެވެ. މި މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުގެ ގޮތުގއި ކަނޑައަޅާފައިވަނީ 5 މިލިއަން އެމެރިކާ ޑޮލަރެވެ.
މި މަޝްރޫއުގެ އިތުރުން ގއ ވިލިނގިލީގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއުވެސް ވަނީ ހިމަނާފައި އެވެ. އެމަޝްރޫއަށްވެސް އެންމެ މަދުވެގެން 5 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭނެ ކަމަށް ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅާފައި އެވެ. ގއ އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ ގއ ކޫއްޑޫ އެއާޕޯޓު އެކަންޏެވެ.
މި މަޝްރޫއުތަކުގެ އިތުރުން ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ހައްދުންމަތީގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަލަން އެއަރޕޯޓެއް ތަރައްޤީކުރުން ހިމެނެއެވެ.
ގުޅުންހުރި

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަނީ

"ވާނުވާ ބަންދު" ގެ މައްސަލަ ހައްލުކުރުމުގެ މަޝްވަރާއަށް ކަމާބެހޭ ފަރާތްތަކާއިއެކު ރައީސް އެއް މޭޒަކަށް!

ރާއްޖެ 2.0 ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން - ރައީސް
