logoEN
Sto top
ދަރިފުޅަކީ ދުންފަތުގެ އިސްތިޢުމާލު އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން - ފަސްޓް ލޭޑީ

ދަރިފުޅަކީ ދުންފަތުގެ އިސްތިޢުމާލު އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން - ފަސްޓް ލޭޑީ

އަހުމަދު ޝުރާއު

logo

3/14/2025, 6:20:17 PM

# ރައީސް މުއިއްޒު

--

ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަތަކަށް އުމައިރުގެ މަންމަ އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރައްދު ދެއްވައިފި އެވެ.

Wamco

ދާދި ފަހުން ބޭއްވި ސިޔާސީ އެއްވުމެއްގައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ ރައީސް މުއިއްޒުގެ ބޭފުޅުންނަށާއި އަނބިކަނބަލުންނަށް ނިސްބަތްކޮށް ހަގީގަތަކާއި ހިލާފު ވާހަކަތެއް ދައްކާފައި އެވެ. އެގޮތުން ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލަކު ވޭޕް ކުރުމާއި ގުޅިގެން ކަމަށްބުނެ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ވަނީ ބުނެފައި އެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ޚާއްސަ ނޫސްބަޔާނެއް ވަނީ ނެރެފައި އެވެ. އެގޮތުން އެބަޔާނުގައި ބުނެފައިވަނީ އެކަމަނާގެ ދަރިފުޅު ޢުމައިރު މުޙަންމަދު މުޢިއްޒުއަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ވަނީ ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއް ދައްކައި، މީޑިޔާއާއި ސޯޝަލްމީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާފައި ކަމަށެވެ.

މިގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި، ޢުމައިރަކީ ވޭޕްބޭނުންކުރާ ކުއްޖެއް ކަމުގައިބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނޭ ކަމަށާއި ނަމަވެސް ޢުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަމުގައި، އެންމެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވާ ކަމަށް ފަސްްޓް ލޭޑީ ވިދާޅުވިއެވެ.

މިކަންކަން މިހެންކުރަމުންދަނީ އެކަމަނާގެ ފިރިމީހާއާއި ސިޔާސީ ގޮތުން ޚިޔާލުތަފާތު އެކި ފަރާތްތަކުން ކަމަށާއި މިފަދަ ވާހަކަތަކުގެ ތެރޭގައި ދަރިފުޅުގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ދައްކައި ފަތުރާފައި ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. " މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަޤްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. "

ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ ދަރިފުޅު ޢުމައިރަކީ ޢުމުރުން 16 އަހަރުގެ ކުޑަކުއްޖެއް ކަމަށާއި ހަމައެއާއެކު އޭނާއަކީ އޭނާގެ މުސްތަޤްބަލު ކުރިމަތީގައި އޮތް، ތަޢުލީމީ ޙަޔާތް އަދި ފުރިހަމަނުވާ ކުއްޖެއް ކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ރައީސް މުއިއްޒު އަދި އެކަމަނާގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެއް ކަމަށެވެ.

މީގެ އިތުރުން، އެކަމަނާގެ އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާ (bully) ކުރުމާއި ފުރައްސާރަ (harass) ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއްކަމުގައި ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ފިރިކަލުން, ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމަވާ ނިންމެވުންތަކާއި ސިޔާސީ ވިސްނުންފުޅާމެދު، އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އަޅުގަނޑު އެއްވެސް އެއްޗެއްބުނެ ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށާއި އެއީ އެމަނިކުފާނު ސިޔާސީ މައިދާން ޚިޔާރުކުރެއްވީ އަދި އެމައިދާނުގައި ދެމިހުންނެވީ އަމިއްލަފުޅު އިޚްތިޔާރުގައި ކަމުގައިވާތީ ކަމަށެވެ.

" ހަމައެއާއެކު، އެމަނިކުފާނު އެ މަޤާމާ ޙަވާލުވެވަޑައިގަތީއްސުރެ މިދެންނެވި ފަދަ ފަރާތްތަކުން ކެނޑިނޭޅި ގެންދަނީ އަޅުގަނޑަށް ފުރައްސާރަކޮށް ގަނާކުރަމުންނެވެ. މިދެންނެވި ކަންކަމަކީ ސިއްރުން ނޫނީ ވަންހަނާގައި ހިނގާ ކަންކަންކަމުގައި ނުވިނަމަވެސް، މިވީހާ ތަނަށް މިފަދަ ކަމަކާ އަޅުގަނޑު އަދި އަޅުގަނޑުގެ ފަރާތުންވެސް އެއްވެސް ރައްދެއްދީ އެއްޗެއް ދަންނަވާފައިނުވާނެއެވެ. " ފަސްޓް ލޭޑީގެ ބަޔާނުގައި ވިދާޅުވިއެވެ.

އެހެނެއްކަމަކު، މިއަދު އެކަމަނާގެ ކުދިންނާ، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް ގަސްދުކޮށްފައިވާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި އެއީ ކޮންމެ ބޭފުޅަކު ފަދައިން އެކަމަނާއަށްވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ ދަރިން ކަމުގައިވީތީކަމަށެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ކުދިންގެ ރައްކާތެރިކަމާއި މުސްތަޤްބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕައާއި އެކަމަނާގެ ޒިންމާއަކަށްވީތީ އަދި މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މަޢުޞޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިނގަމުންދާ ހިނދު، އަދި ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައިގައި ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑު މިފިޔަވަޅުތައް މިއަޅަނީ މިކުދިންގެ މަންމަގެ ޙައިޞިއްޔަތުން އަޅުގަނޑު އަމިއްލައަށް ފަރުދީގޮތުންނެވެ. ސަރުކާރުގެ ބައިވެރިވުމެއް އޮވެގެނެއްނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެން އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާޙައުލެއް ޤާއިމުވުމެވެ. " ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ބަޔާން ނިންމަވާލައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ އާއިލާގެ ފަރާތުން މިކަންކަމުގައި އަޅާނެ ފިޔަވަޅުތައް އެކަމަނާގެ ގާނޫނީ ޓީމުން ހާމަކުރައްވާނެ ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside