
ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ - އަބްދުއްރަހީމް
# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)--
ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު (މަންދީ) ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވައި ދެއްކެވި ވާހަކަތަކާއި ގުޅިގެން މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ ކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް މުއިއްޒުގެ އާއިލާއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކާއި ގުޅިގެން ޕާޓީތަކުގެ ބެލެނެވެރި ފަރާތްކަމަށްވާ އިލެކްޝަން ކޮމިޝަނުންވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައި އެވެ. އެގޮތުން އީސީން ނެރުނު ބަޔާނުގައި ވިދާޅުވީ، ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީއާއި ސީޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލު ކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށް، ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ. އަދި އެމްޑީޕީން މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައިވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރުމަށް އީސީން އިލްތިމާސްކޮށްފައި ވެއެވެ.
އަދި ހާއްސަކޮށް ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި، ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން ކުށްވެރިކުރާކަމަށްވެސް ވަނީ ބަޔާނުގައި ބުނެފައި އެވެ.
ގުޅުންހުރި

ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ

ފައިސަލް މަސައްކަތް ކުރެއްވީ ފުރިހަމަ އިހުލާސްތެރިކަމާއެކު, ފަހުރުވެރިވަން - އަބްދުއްރަހީމް

ވެރިކަމަށް ޝައުގެއް ނެތް, ބޭނުމީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދޭން!
