ރޯދައެއް އެސްޓީއޯ އޮތީ ތައްޔާރަށް: ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާނެ!
އަހުމަދު ޝުރާއު
2/5/2025, 2:15:34 PM
--
ކުރިޔަށް އޮތް ރަމަޝާން މަހަށް ރާއްޖެއަށް ބޭނުންވާ މުދާތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާކަން ސަރުކާރުގެ މައި ކުންފުނި, އެސްޓީއޯއިން މިއަދު ހާމަކޮށްފި އެވެ.
އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ މައިގަނޑު އެއް މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށާއި އަދި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެތަކެތި ލިބޭނެ މަގު ފަހި ކޮށްދިނުން ކަމަށެވެ.
މިގޮތުން، ކޮންމެ އަހަރެއްގެ ރަމަޟާން މަހަށްވެސް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ހާއްސަ ތައްޔާރީތަކެއް ވަމުން އަންނަކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖްވުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށެވެ. އަދި މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އެސްޓީއޯއިން ބުނެއެވެ.
މިއާއި އެކު އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް އެކުންފުނިން ވަނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފައި ކަމަށް އެސްޓީއޯގެ ބަޔާނުގައި ވަނީ ބުނެފައި އެވެ. އެގޮތުން ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރޭވިފައިވާ ކަމަށާއި ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅިގެން އަންނާނެ ކަން އެކުންފުނިން ވަނީ ފާހަގަކޮށްފައި އެވެ.
އަދި ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖެއްސިގެންދާނެ ކަމަށާއި ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ދުރާލާ ވަނީ ކުރެވިފައި ކަން އެކުންފުނިން ވަނީ ހާމަކޮށްފައި އެވެ.
މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބުރުވަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އެއަށްފަހުވެސް ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
- އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
- ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާއި ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެކަން އެސްޓީއޯއިން ފާހަގަކުރެއެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އެސްޓީއޯއިން ވަނީ ދީފައި އެވެ.
އެކުންފުނިން ބުނީ މިކަންކަމުގެ މަގްސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުން ކަމަށެވެ.