
ސީދާ ދެ ސެޓުން ބާރަލާ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕްރޯ އެސްއޭ ކުއާޓާ ފައިނަލުން ޖާގަ ހޯފައިފި
# ހޭންޑްބޯލް މޯލްޑިވްސް# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުބާރަލާއި ކުޑަހުވަދޫ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް /ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ގުރޫޕް ދޭއްގައި މިރޭ ޕްރޯ ސްޕޯޓްސް އެކަޑަމީ އާއި ބާރަލާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕްރޯ އެސްއޭ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޕްރޯ އެސްއޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން ކުޑަހުވަދޫ ސްޕޯޓްސް ކުލަބު އަތުން އެޓީމު ބިލިވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ބާރަލާ ކުޅުނު ފުރަތަމަ މެޗުގައި ކުޑަހުވަދޫ އަތުން އެޓީމުން ބަލިވީ ސީދާ ދެ ސެޓުން ނެވެ.
މެޗުގެ ފުރަތަމަ ސެޓް 25 ލަނޑުގެ ބޮޑު ލީޑަކާއެކު 30-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ޕްރޯ އެސްއޭ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 17 ލަނޑުގެ ބޮޑު ލީޑަކާއެކު 23-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރޯ އެސްއޭގެ އަހުމަދު އުމޭސް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް ދޭއްގެ ދެވަނަ ޕްރޯ އެސްއޭ އިން ހޯދިއިރު، މިގުރޫޕުން އެއްވަނަ ހޯދީ ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ކުޑަހުވަދޫ ސްޕޯޓްސް ކުލަބެވެ. އަދި މިމެޗުން ބަލިވި ބާރަލާ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، އެޓީމު އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ނުވަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.