logoEN
Sto top
ޑީއެސްސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޖީބީ އިން ކަށަވަރުކޮށްފި

ޑީއެސްސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޖީބީ އިން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

1/22/2025, 4:00:28 PM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025

ޑީއެސްސީ އާއި ޖީބީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ގުރޫޕް އެކެއްގައި މިރޭ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ޖީބީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖީބީ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑީއެސްސީ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން އާރުޑީއެލް ސްޕޯޓްސް ކުލަބު އަތުން އެޓީމު ބިލިވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ޖީބީ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސީދާ ފެ ސެޓުން އާރުޑީއެލް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ހަތަރު ލަނޑުގެ ލީޑަކާއެކު 18-14 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖީބީ އިންނެވެ. އަދި ދެވަނަ ސެޓުގައި ޖީބީ އިން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން މިސެޓް ޖީބީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ނުވަ ލަނޑުގެ ލީޑަކާއެކު 13-22 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީބީ ސްޕޯޓްސް ކުލަބުގެ މުހައްމަދު ފިރުނަސް އަބްދުﷲ އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް އެކެއްގެ އެއްވަނަ ޖީބީ ސްޕޯޓްސް ކުލަބު ހޯދިއިރު، މިގުރޫޕުން ދެވަނަ ހޯދީ ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު އާރުޑީއެލް ސްޕޯޓްސް ކުލަބުވެ. އަދި މިމެޗުން ބަލިވި ޑީއެސްސީ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު އޮތީ ގުރޫޕްގެ ފުލުގައެވެ.

20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ނުވަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside