
ވާދަވެރި ކުޅުމަކަށްފަހު ބޮންތި ބަލިކޮށް ކުޑަހުވަދޫ, ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025ބީއެކްސް އާއި ކުޑަހުވަދޫ ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ގާފު ސްޕޯޓްސް/ ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް ދޭއްގައި މިރޭ ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ބޮންތި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ދެ ސެޓް އެއް ސެޓުން މޮޅުވެ ކުޑަހުވަދޫ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޑަހުވަދޫ ކުޅުނު ފުރަތަމަ މެޗުގައި ޒައިރޯ ސްޕޯޓްސް ކުލަބު އަތުން އެޓީމު ސީދާ ދެ ސެޓުން ބަލިވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ބޮންތި ކުޅުނު ފުރަތަމަ މެޗުގައި ބީއެކްސް އަތުން އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ލަނޑުގެ ލީޑަކާއެކު 10-14 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުޑަހުވަދޫ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ބޮންތިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޑިފެންސާއެކު އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ސެޓް 9-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބޮންތިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ޝޫޓްއައުޓް ސެޓް 2-0 ގެ ނަތީޖާއަކުން ކުޑަހުވަދޫ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ އައިޝަތު ސަޖާހާ މުސްތަފާ އެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި 10 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ވެސް ގުރޫޕް ސްޓޭޖުގައި ރެންޑަމްކޮށް ދެމެޗު ކުޅުމަށްފަހު ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތިޖާއެއް ހޯދާ ހަތަރު ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.