ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން!
އަހުމަދު ޝުރާއު
1/20/2025, 5:40:58 AM
--
ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ތުހުމަތުވާ ފަރާތްތަކާއި އެކު ސަރުކާރުން ހަދާފައިވާ އިމިއުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ އޮފީހުން އިއްޔެ ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
އަދީބު އާއި އިތުރު 4 މީހާކާއި އެކު ދައުލަތުން އެކުލަވާލި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، އެފަރާތްތަކުގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް އެ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދަންނަވާފައިވާނެކަންވެސް ޕީޖީގެ ބަޔާނުގައި ވެއެވެ.