
--
މޯލްޑިވްސް ޕޮލިޓެކްނިކުން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

ޑިސެމްބަރު 16 އިން 20 އަށް ޗައިނާގެ ބެއިޖިންގ އަދި ޗިންގޑާއޯގައި ބޭއްވުނު "ތަރޑް ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ވަރކް ސްކިލްޑް ކޮންޓެސްޓް" ގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ ޓީމުން ވަނީ ރިހި މެޑަލް ހޯދާފައި އެވެ.
މި މުބާރާތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރި ޓީމުގައި ހިމެނެނީ ލެކްޗަރަރ މުޙައްމަތު ލަޠީފާއާއި، ދަރިވަރުންކަމުގައިވާ އަޙްމަދު ލިވާޒް އަދި މުޙައްމަދު ނަސީމެވެ. ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) އިން އިންތިޒާމުކޮށްގެން ބޭއްވުނު މި މުބާރާތުގައި އެކި ޤައުމުތަކުގެ ބައިވެރިން ފަންނީ އަދި ވޮކޭޝަނަލް ހުނަރުތައް ދައްކުވައިދީފައިވެއެވެ.
މިއީ މިފަދަ މުބާރާތެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ނަންމަޝްހޫރު ޔުނިވަރސިޓީތަކާއި އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާ ވާދަކޮށް މި ކާމިޔާބީ ހޯދުމަކީ، ވޮކޭޝަނަލް ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް ކުރިއަރަމުންދާކަމުގެ ހެއްކެކެވެ. އަދި މިއީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، ވޮކޭޝަނަލް ތަޢުލީމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
މި ކާމިޔާބީގެ ސަބަބުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީގެ އިސްވެރިން ޕޮލިޓެކްނިކަށް ޒިޔާރާތްކޮށްފި

ގަހަނާ ޑިޒައިން ކުރުމުގެ ކޯހެއް ޕޮލިޓެކްނިކުގައި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި!

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖޭގެ ޕޮލިޓެކްނިކަށް ރިހި މެޑަލް!
