logoEN
Sto top
ކުރީ ސަރުކާރުން ބަދަލު ދޭން އެކުލަވާލި 9 އެއްބަސްވުމެއް ބާތިލުކޮށްފި: ބަދަލުގެ ގޮތުގައި ދިން ފައިސާވެސް އަނބުރާ ހޯދަނީ

ކުރީ ސަރުކާރުން ބަދަލު ދޭން އެކުލަވާލި 9 އެއްބަސްވުމެއް ބާތިލުކޮށްފި: ބަދަލުގެ ގޮތުގައި ދިން ފައިސާވެސް އަނބުރާ ހޯދަނީ

އަހުމަދު ޝުރާއު

logo

12/19/2024, 3:36:51 PM

# ބަންޑާރަ ނައިބް

--

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ކުރީ ސަރުކާރުން ސޮއިކޮށްފައިވާ 9 ސެޓަލްމެންޓު އެއްބަސްވުން ބާތިލްކޮށްފި އެވެ.

Wamco

މިކަން ހާމަކޮށް މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ނިމިދިޔަ ސަރުކާރުން 28 ނޮވެންބަރު 2022 ގައި އެކުލަވާލި އުސޫލު ނަންބަރު 2022/G-42 (ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ސޮއިކޮށްފައިވާ 9 (ނުވައެއް) ސެޓްލްމަންޓް އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބު ނިންމަވައި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އެކަން އަންގަވާފައިވާ ކަމަށެވެ.

ބާތިލުކަމަށް ކަނޑައެޅި އެއްބަސްވުންތައް

1. ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑް: ވ. ފޮއްތެޔޮބޮޑުފުށީގެ ލީސް އިތުރުކޮށްދިނުން.

2. ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: 26 މިލިއަން ރުފިޔާ

3. އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް: ނ. އެކުޅިވަރު 99 އަހަރަށް.

4. ދީބާޖާ އިންވެސްޓްމަންޓް: 64 މިލިއަން ރުފިޔާ.

5. އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑް: 5.1 މިލިއަން ރުފިޔާ.

6. ސްލިއާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް: ތ. ވަންބަދި، ކަނި އަދި ފުށި 50 އަހަރަށް އަދި އއ. މާފަރުފަޅު.

7. ބްލޫ ލެގޫން އިންވެސްޓްމަންޓް: އއ. މަޑޫގަލީ 50 އަހަރަށް އަދި 20 މިލިއަން ޑޮލަރުގެ ބަދަލުގައި ރ. ވިލިނގިލި، ރ. ތާވަތާ، ރ. އޮރިމަސްފަރުން 50 އަހަރަށް ބިން.

8. އަބްދުﷲ އަލީ، ހ. ގިރިތެރެގެ: ހދ. ހޮނޑާފުށި 50 އަހަރަށް އަދި އެ ރަށުގެ ކުއްޔާއި ޖޫރިމަނާ މާފުކުރުން.

9. ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް: ހދ. ކުޑަމުރައިދޫ 50 އަހަރަށް އަދި ކުރީގެ ކުއްޔާއި ޖޫރިމަނާ މާފުކުރުން.

އެގޮތުން އެ އުސޫލަކީ ޤާނޫނީ ހައިސިއްޔަތާއި ބާރު ލިބިގެންނުވާ އުސޫލެއްކަމުގައި ފާހަގަކޮށް، އެ އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށް، 21 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އުސޫލާއި އެ އުސޫލުގެ ދަށުން އުފައްދާފައިވާ "މައްސަލަ ޙައްލުކުރުމަށް ލަފާދޭ ކޮމިޓީ" ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2023/12 (އުސޫލު ނަންބަރު 2022/G-42 (ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) އުވައިލުމުގެ ޤަރާރު) އިން އުވާލައްވައި، އެ އުސޫލުގެ ދަށުން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް އެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، އެ އެއްބަސްވުންތައް ބާޠިލްކުރުމަށް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައި އެވެ.

މި މައްސަލަތައް އެ އޮފީހުން ދިރާސާކުރިއިރު، އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި، ތަޢައްޞުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މިއާއިއެކު، އެ އުސޫލުގެ ދަށުން، ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ 9 (ނުވައެއް) ސެޓްލްމަންޓް އެއްބަސްވުމަކީ، ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި، އެއީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަކީ ޢަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ މިއަދު އަންގަވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC