ނައިބު ރައީސްގެ އަރިހަށް، ޗައިނާ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
އަހުމަދު ޝުރާއު
12/2/2024, 6:20:28 PM
--
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވޮންގ ލީޒިން ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަފީރު ވޮންގ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އަދުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އިރުޝާދު، ފާހަގަކުރައްވައި ސަފީރު ވޮންގ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަފީރު ވޮންގ ވަނީ، މިސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތައުރީފް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި، މަތީ ތަޢުލީމާއި، ޢުމްރާނީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރައްވައި އިތުރަށް ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެއީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް، ދެމެހެއްޓެނިވި ރޫޙެއްގައި އެއްބާރުލުން ދީގެން ހޯދިފައި އޮތް ކުރިއެރުމެއްކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް ކުރެއްވި މި ވަދާޢީ ޒިޔާރަތް ނިންމަވާލައްވަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.