ކުޑަކުދިންގެ ކުރިއެރުމަށްޓަކައި ޔުނިސެފާއި ގުޅިގެން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ - ނައިބު ރައީސް
އަހުމަދު ޝުރާއު
11/28/2024, 3:59:32 PM
--
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިޖުތިމާޢީ ކައުންސިލްގެ މުޤައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.
ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި މި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރޕްލޭނަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައި، ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި ވަފުދުތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އެކުލެވޭ ކަމަށްޓަކައި ތަޢުރީފު ކުރެއްވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާ ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އެކުގައި މަސައްކަތްކުރާ ބައިވެރިންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެފަރާތުން އެއްބަސްވެވަޑައިގަންނަވަމުންނެވެ.