މުސާރައިގެ 50 އިންސައްތަ ނުނަންގަވަން މަޖިލިސް ރައީސްވެސް ނިންމަވައިފި
އަހުމަދު ޝުރާއު
10/23/2024, 7:03:22 PM
--
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މުސާރައިން 50 ޕަސެންޓް ނުނެންގެވުމަށް އެ މަނިކުފާނު މިއަދު ނިންމަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހި ދައުލަތުގެ އިގްސާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނަގާ ގޮތަށް ނިންމަވާފައިވާ ކަމަށެވެ.
އަބްދުއްރަހީމް މި ނިންމުން ނިންމެވި އިރު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައި އެކަންކަން އިއުލާނުކުރައްވާފައި އެވެ.
އެގޮތުން ރައީސް މުއިއްޒު ނިންމެވި ބައެއް ކަންކަމަކީ
- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ރައީސް ވިދާޅުވީ މި ނިންމެވުންތައް ތަންފީޒުކުރުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދަންނަވާފައިވާ ކަންވެސް މިރޭ އިއުލާނުކުރައްވާފައި އެވެ.