އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލޭއް ބިނާކުރުމަށް، އައުޓްރީޗް ޕްރޮގްރާމް އަންނަ ހަފްތާ ފަށަނީ
އަހުމަދު ޝުރާއު
10/4/2024, 2:38:26 PM
--
އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލޭއް ބިނާކުރުމަށް، ވާރލްޑް ބޭންކުގެ އެހީގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިމްޕްލިމެންޓްކުރާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް މި މަހު 7 ގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ލ އަތޮޅުން ނެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ، މި މަހު 7 އިން 10 އަށް ލ.ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސް ގެ ޓީމެއް ދަތުރުކުރާނެ ކަމަށެވެ.
އަތޮޅުތެރެއަށް ކުރާ މި ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމްއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ނޭޝަނަލް ކެރިއަރސް ސާރވިސް (އެން.ސީ.އެސް) ގެ ޚިދުމަތްތަކުގެ މަޢުލޫމަތު ފޯރުކޮށްދީ, އެން.ސީ.އެސް ޕޯޓަލް އަހުލުވެރިކޮށް، ވަޒީފާ ހޯދާފަރާތްތަކާއި ވިޔަފާރިވެރިން، އެން.ސީ.އެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ.
އެން.ސީ.އެސް ގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކެރިއަރ ގައިޑެންސް ގެ ޚިދުމަތް ދަރިވަރުންނާއި، އެފަރާތްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މަދުރަސާ ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކާއި، ވަޒީފާއަދާ ކުރަން ފެށުމަށްފަހުވެސް ކެރިއަރ އެގްވައިސް ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރުވާނީ ފެށިފައެވެ. މީގެ އިތުރުން، ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުޙިއްމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތެއް ވަރަށް އަވަހަށް ފެށުމަށްވަނީ ހަމަޖެހިފައެވެ.
އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ, އަމިއްލަ ވިޔަފާރިތަކާ އަދި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމަށާ، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް، އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެދިއުން ހިމެނެއެވެ.