
ދާހިލީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ބަންގްލަދޭޝްގެ ފުލުހުން ހަޅުތާޅު ކުރަން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެގައުމުގެ އެތައްހާސް ފުލުހުންތަކެއް ތަމްސީލު ކުރާ ބަންގްލަދޭޝްގެ ފުލުހުންގެ އެސޯސިއޭޝަނުންނެވެ.
އެއެސޯސިއޭޝަނުން ބުނާގޮތުގައި ހަޅުތާލުކުރަން ނިންމާފައިވަނީ އެގައުމުގެ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި ނުވުމުންނެވެ. އެގޮތުން އެގައުމުގެ ކޮންމެ ފުލުހެއްގެ ސަލާމަތާއި ރައްކާތެރިތަކަން ކަށަވަރުކުރެވެންދެން ހަޅުތާލު ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައި އެވެ.
ފުލުހުންގެ ހަޅުތާލާ ބެހޭގޮތުން އަދި މިހާތަނަށް އެގައުމުގެ ވެރިކަމުގެ ބާރު އޮތް އަސްކަރިއްޔާއިން ބަހެއް ބުނެފައި ނުވާއިރު މި ހަޅުތާލުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ހަޅުތާލު ކުރުމުގެ ގޮތުން މިއަދު ގިނަ ފުލުހުންތަކެއް ވަޒީފާއަށް ނުކުމެފައި ނުވެއެވެ.
ބަންގްލަދޭޝްގެ މަގުތަކުގައި މުޒާހަރާކުރަމުން ދިޔަ ގިނަ ބަޔަކު މަރާލުމުގެ ތުހުމަތު އެގައުމުގެ ރައްޔިތުން އަޅުވަނީ ފުލުހުންގެ ބޮލުގައި އެވެ. ސަބަބަކީ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ލައިވް ވަޒަން ބޭނުން ކުރުމެވެ.
ފުލުހުންގެ އިސްވެރިން ބުނާގޮތުގައި ފުލުހުން އަމަލު ކުރަމުންދިޔައީ އޯޑަރަށެވެ.