އައިއެޗްއެފް ޓްރޮފީ: ނޭޕާލް ބަލިކޮށް ދިވެހި 20 އަހަރުންދަށުގެ ޓީމުވެސް މުބާރާތް ފެށީ މޮޅަކާއެކު
ހަސަން ޝަމްއޫން
7/10/2024, 12:08:30 PM
ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ ގާފު ސްޕޯޓްސް / ހުސެއިން
އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގެ 20 އަހަރުންދަށުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ އާއި ނޭޕާލް ވާދަކުރި މެޗު 28-30 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއް ޕޮއިންޓްގެ ލީޑަކާއެކު 13-14 ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ،ހާފުގައި ދިވެހި ޓީމުން ވަނީ އިތުރު 17 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މުޅި މެޗުގައި ވެސް ދިވެހި ޓީމުގެ ކީޕަރު ހުސެއިން ޔަނާލް އަކްރަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގައި ވެސް ނޭޕާލް ޓީމުން ވަނީ 14 ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު 28-30 ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ޓީމުގެ ކީޕަރު ހުސެއިން ޔަނާލް އަކްރަމް އެވެ.
ޖުލައި މަހު 10-14 އަށް އިންޑިއާގެ ޖެއިޕޫރުގައި ކުރުއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން ޓްރޮފީ ޒޯން ދޭއްގައި އީސްޓް އަދި ސައުތު އޭޝިއާ ސަރައްދުން ރާއްޖޭގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގެ އިތުރުން އިންޑިއާ ވަނީ މިއަހަރު މުބާރާތުގައި ބައިވެރިވެފައެވެ.
މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާއިރު، މިދެ އުމުރުފުރާގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.
އިންޑިއާގައި މިއަދު ފެށި އައިއެޗްއެފް ޓްރޮފީ 2024 ގެ 18 އަހަރުންދަށުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު ދިވެހިރާއްޖެ އިން ވަނީ 36-31 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްފައެވެ. އަދި މިމުބާރާތުގައި މާދަމާވެސް ދިވެހި ދެޓީމު ނުކުންނާނީ އިންޑިޔާއި ދެކޮޅަށެވެ.